ބޭރު ކުޅިވަރު

ކްރޮއޭޝިޔާ ޓީމުން ލޮވްރެން އަށް ޖާގައެއް ނެތް

ކޯޗާ މައްސަލަ ޖެހިފައިވާ ޑިފެންޑަރު ޖެޑާން ލޮވްރެން ނުހިމަނައި ޔޫރޯ ފުޓްބޯޅަ މުބާރާތަށް ތައްޔާރުވާ ކްރޮއޭޝިޔާ ސްކޮޑް އިއުލާނުކޮށްފި އެވެ.

ލިވަޕޫލް ޔޫރޮޕާ ލީގުގެ ފައިނަލަށް ގެންގޮސްދިނުމުގައި މުހިންމު ދައުރެއް އަދާކުރި ލޮވްރެން ނުނެގީ އޭނާ އަަކީ ޓީމުވަންތަ ކުޅުންތެރިއަކަށްނާވާތީ އެވެ.

"އަހަރެން ލޮވްރެން އަށް ގައުމީ ޓީމުގެ ދޮރު ވަންދެއް ނުކުރަން. އޭނާ އަކީ ޓީމު ކުޅުންތެރިއެއްކަން އޭނާ އަށް ވިސްނުނު ދުވަހަކުން އޭނާ ޓީމަށް އަންނާނެ،" ކޯޗު އެންޓޭ ކަކިކް ބުންޏެވެ.

ކްރޮއޭޝިޔާ ޓީމުން ޒުވާން ކުޅުންތެރިންތަކަކާއެކު ރެއާލް މެޑްރިޑުގެ ލޫކާ މޮޑްރިޗާއި ބާސެލޯނާގެ އިވާން ރަކިޓިކް އަށް ވެސް ފުރުސަތު ދީފައިވެ އެވެ. މި ދެ ކުޅުންތެރިންނަކީ ޓީމުގެ އެންމެ އަލިގަދަ ދެ ތަރިންނެވެ.

ކޯޗު ބުނީ ގައުމީ ޓީމަށް ކުޅެވޭނީ ކުލަބުގައި ރަނގަޅަށް ކުޅެ، ޖުމުލަކޮށް ޓީމު ވަންތަކޮށް މަސައްކަތްކޮށް، ޗޭންޖިން ރޫމުގަައި ވެސް ޓީމުގެ އުސޫލުތައް ހިފަހައްޓާ ކުޅުންތެރިންނަށް ކަމަށް ކޯޗު ބުންޏެވެ. އަދި އޭނާ އެކުލަވާލި 27 ކުޅުންތެރިންގެ ސްކޮޑަކީ މި ސިފަތައް ހުރި ކުޅުންތެރިން ކަމަށެވެ.

ކްރޮއޭޝިޔާ ޓީމު ފައިނަލް 23 ކުޅުންތެރިންނަށް މަދުކުރާނީ މުބާރާތުގެ ކުރިން ކުޅޭ އެކުވެރިކަމުގެ މެޗުތަކަށް ފަހު އެވެ.

އަންނަ މަހު 10ގައި ފަށާ މުބާރާތުގައި ކްރޮއޭޝިޔާ ހިމެނެނީ ޗެކް ރިޕަބްލިކާއި ސްޕޭން އަދި ތުރުކީއާއެކު ގްރޫޕް ޑީގަ އެވެ.