އަހުމަދު ނާޒިމް

ނާޒިމް ރާއްޖެ ގެންނަން އިނގިރޭސި ސަރުކާރާ ވާހަކަ ދައްކަން ފަށައިފި

އުމުރު ދުވަހުގެ ޖަލު ހުކުމެއްގައި ހުންނެވި، ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަދި މަޖިލީހުގެ ކުރީގެ ނައިބު ރައީސް، އަހުމަދު ނާޒިމް ރާއްޖެ ގެނައުމަށް އިނގިރޭސިވިލާތުގެ ސަރުކާރާ ވާހަކަ ދައްކަމުންދާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

"އަވަސް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ހޯމް މިނިސްޓަރު އުމަރު ވިދާޅުވީ، ސިންގަޕޫރަށް ބޭސްފަރުވާއަށް ފޮނުވި ނާޒިމް ވަޑައިގެން ހުންނެވީ އިނގިރޭސިވިލާތުގައި ކަން މިހާތަނަށް ބެލި ބެލުންތަކުން އެނގިފައިވާ ކަމަށެވެ. އަދި އޭނާ އަނބުރާ ރާއްޖެ ގެނައުމަށް ކަރެކްޝަންސް އިން މަސައްކަތްތައް ފަށާފައިވާ ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ނާޒިމް އަނބުރާ ރާއްޖެ ގެނައުމަށް އިނގިރޭސި ސަރުކާރާ ވެސް ވާހަކަތައް މިހާރު ދެކެވެމުންދާ ކަމަށެވެ.

ނާޒިމް އިނގިރޭސިވިލާތަށް ވަޑައިގަތީ ބޭސްފަރުވާގެ މުއްދަތު އިތުރުކޮށްދޭން އެދި، އެ މުއްދަތު އިތުރުކޮށް ނުދިނުމަށް ނިންމާފައި ވަނިކޮށެވެ. އަދި އެނބުރި ރާއްޖެ އައުމަށް ވެސް އަންގާފައިވަނިކޮށެވެ. ނާޒިމް ސިންގަޕޫރަށް ފޮނުވާފައިވަނީ ޓްރެވެލް ޑޮކިއުމެންޓެއްގަ އެވެ. އެ ޑޮކިއުމެންޓްގައި އިތުރު ގައުމަކަށް ދަތުރުނުކުރެވޭނެ އެވެ.

އެހެންކަމުން ނާޒިމަށް އިނގިރޭސިވިލާތަށް ދެވުނު ގޮތާމެދު ގިނަ ބަޔަކު ސުވާލު އުފައްދާފައިވާއިރު، މިކަމާ ގުޅޭ ގޮތުން ސަރުކާރުގެ އެއްވެސް ފަރާތުން އެއްޗެއް ބުނެފައެއް ނުވެ އެވެ. ކަރެކްޝަންސް އަދި ހޯމް މިނިސްޓްރީން ވެސް ވަނީ އެކަން ބަލަމުންދާ ކަމަށް ބުނެފަ އެވެ.