އަހުމަދު ނާޒިމް

ފިލައިގެން އުޅޭ ނާޒިމް 35000 ޑޮލަރު ހޯދަން ދައުވާކޮށްފި

ދަރަނީގެ ގޮތުގައި މީގެކުރިން ދޫކޮށްފައިވާ 35،000 ޑޮލަރު ހޯދުމަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ސިވިލް ކޯޓަށް މައްސަލައެއް ވައްދައިފި އެވެ.

ނާޒިމް މި ލޯން ދޫކޮށްފައިވަނީ ޓްރާންސްޕޯޓް އޮތޯރިޓީގެ ޗެއާމަން އަބްދުއްރަޝީދު ނާފިޒަށެވެ. ސިވިލް ކޯޓުގައި ނާޒިމް ދައުވާކޮށްފައިވަނީ އޭނާއާ ދެކޮޅަށެވެ.

އެ ދަރަނި ނާފިޒް އަދާކޮށްފައިނުވާ ކަމަށް ބުނެ ސިވިލް ކޯޓަށް ވައްދާފައިވާ މައްސަލާގައި ބުނެފައިވާއިރު، މި މައްސަލަ ޝަރީއަތަށް ދިޔައީ ޑިސްޕިއުޓު މަރުހަލާ ގައި މައްސަލަ ހައްލުނުވުމުންނެވެ. މި މަރުހަލާގައި ދެ ފަރާތަށް އެއް ގަލަކަށް އެރިފައިނުވުމުން މައްސަލަ މިހާރު ވަނީ ޝަރީއަތަށް ފޮނުވާފަ އެވެ. މައްސަލައިގެ އަޑުއެހުމެއް އަދި ބާއްވާފައެއް ނުވެ އެވެ. ޑިސްޕިއުޓް މަރުހަލާގައި ނާފިޒް ވަނީ އެ ފައިސާ ނުލިބޭ ކަމަށް ބުނެ އިންކާރު ކުރައްވައިފަ އެވެ. އެހެން ނަމަވެސް އެ އަދަދުގެ ފައިސާގެ ޗެކަކާ ނާފިޒް ހަވާލުވި ކަމުގެ ހެކި ހުރި ކަމަށް ނާޒިމްގެ ފަރާތުން ބުނެ އެވެ.

ޖަލުގައި ހުންނަވަނިކޮށް ދިމާވި ސިއްހީ މައްސަލައަކަށް ފަރުވާ ކުރުމަށް ސިންގަޕޫރަށް ނާޒިމް ފޮނުވުމުން ފަރުވާއަށް ފަހު ނާޒިމް ވަނީ އިނގިރޭސިވިލާތަށް ވަޑައިގެން ފިއްލަވައިފަ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ކަރެކްޝަންސް އިން އަންނަނީ ކުރަމުންނެވެ.