ރާއްޖެ ކުޅިވަރު

މުސާރަ ނުދޭތީވެ ނިއުގެ ޕްރެކްޓިހުގައި އެންމެ ހަތް ކުޅުންތެރިން

May 17, 2016
1

މުސާރަނުދޭތާ ދެމަހަށްގިނަ ދުވަސްވެފައިވާތީގެ ހިތްހަމަނުޖެހުން ފާޅުކޮށް، ނިއުރޭޑިއަންޓްގެ ގިނަ ކުޅުންތެރިން ޕްރެކްޓިހަށް ނުކުތުން ހުއްޓާލައިފި އެވެ.

ފާއިތުވެދިޔަ ހަތަރު އަހަރުގެ އެންމެ ކާމިޔާބު ޓީމު އަދި ރާއްޖޭގެ އެންމެ ބޮޑު އެއް ކުލަބުގެ މެނޭޖްމަންޓް މި އަހަރު ބަދަލުވެފައިވާއިރު ބައެއް ކުޅުންތެރިންނަށް ދެ މަހުގެ މުސާރަ އަނެއް ބައި ކުޅުންތެރިންނަށް އެއަށްވުރެ ގިނަ ދުވަހު ވެސް މުސާރަ ނުލިބިފައިވާ ކަމަށް ކުޅުންތެރިން ވަނީ ބުނަން ފަށައިފި އެވެ.

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މާދަމާ ރޭ ބީޖީއާ ދެކޮޅަށް ކުޅޭ މެޗަށް ފަރިތަކުރަން އިއްޔެ ބޭއްވި ނިއުގެ ޕްރެކްޓިހުގައި ބައިވެރިވީ ވެސް އެންމެ ހަތް ކުޅުންތެރިންނެވެ.

ހުސްވި އަހަރުގެ ދިވެހި ލީގުގެ ޗެމްޕިއަން ޓީމުގެ ބައެއް ކުޅުންތެރިން ބުނީ ޓީމުގައި ކޮންޓްރެކްޓެއް ނެތި ވެސް ބައެއް ކުޅުންތެރިން އެބަތިބި ކަމަށެވެ.

"ކޮންޓްރެކްޓް ހަދަން އެމީހުން ބުނީމަ މެނޭޖްމަންޓުން ބުނަނީ އެކަމާ ހާސްނުވާށޭ. ވަރަށް އަވަހަށް ކޮންޓްރެކްޓް ހަދާނަމޭ. އެކަމަކު އެދުވަހެއް ނާދޭ. މުސާރަ ނުލިބޭތީވެ ޝަކުވާ ކުރާތީ ބުނަނީ މިއަހަރު އަދި އެފްއޭއެމުން ކުލަބަށް ލާރިއެއް ނުލިބެއޭ. އެކަމަކު އެއީ ކުޅުންތެރިން ބަލަންޖެހޭ ކަމެއްނޫން. ގިނަ ކުޅުންތެރިން މިހާރުތިބީ މުސާރަ ލިބުނީމަ ޕްރެކްޓިސްކުރަން،" ނަން ނުޖަހަން ބުނެ، ނިއުގެ ކުޅުންތެރިއަކު ބުންޏެވެ.

މި މައްސަލާގައި ނިއުގެ މެނޭޖަރު އަމީން ފައިސަލް އާއި ޖެނެރަލް ސެކްރެޓަރީ އަލީ ޝަމީމް ފޯނު ނުނަގާތީވެ ކުލަބުގެ ޖަވާބެއް ވަނީ ލިބޭގޮތް ނުވެ އެވެ.

އެފްއޭއެމުން ނިއު އަށް ލިބެންޖެހޭ 280000ރ. ހިފަހައްޓާފައިވަނީ މިދިޔަ އަހަރު ނިއުގެ ކެޕްޓަންކަން ކުރި އަސްއަދު އަލީ (އަޑުބަރޭ) އަށް މުސާރަ ނުދީއޮތުމުން އޭނާ އެ މައްސަލަ ޖައްސާފައިވާތީ ކަމަށް ގައުމީ ފުޓްބޯޅަ އިދާރާއިން ބުނެ އެވެ. މިހާރު މާޒިޔާ އަށް ބަދަލުވެފައިވާ އަޑުބަރޭ ވަނީ ނިއުއިން ދީފައިވާ 200000ރ. ޗެކްގެ މައްސަލަ ނިންމައިދިނުމަށް އެފްއޭއެމުގައި އެދިފަ އެވެ.

އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދު (ބަލަކް)ގެ ހަތަރު އަހަރު ނިއު އޮތީ މޮޅު ކުޅުންތެރިންނާއެކު ރާއްޖޭގެ އެންމެ ވަރުގަދަ ޓީމުގެ ގޮތުގަ އެވެ. ނަމަވެސް މި އަހަރު މެނޭޖްމަންޓް ބަދަލުވި ފަހުން ނިއު ވަނީ ވަރަށް ގިނަގޮތްގޮތުން ހީނަރުވެފަ އެވެ. ކުލަބުގެ މިހާރުގެ ޗެއާމަނަކީ ޑޮނާޑް އިންވެސްޓްމަންޓްގެ އިސްބޭފުޅެއް ކަމަށްވާ ޔާމީން އާދަމެވެ.