ރާއްޖެ ކުޅިވަރު

މާޗު މަހު މުސާރަ މިއަދު ދީ ނިންމާނަން: ނިއުރޭޑިއަންޓް

May 17, 2016
2

ރާއްޖޭގެ އެންމެ ބޮޑު އެއް ކުލަބު ކަމަށްވާ ނިއުރޭޑިއަންޓްގެ ކުޅުންތެރިންނަށް ދޭންޖެހޭ މާޗު މެހުގެ މުސާރަ މިއަދު ދީ ނިންމާނެ ކަމަށް އެކުލަބުން ބުނެފި އެވެ.

ނަން ހާމަކުރަން ނޭދޭ ނިއުގެ އިސް އޮފިޝަލު މިއަދު ބުނީ ބައެއް ކުޅުންތެރިންނަށް އޭޕްރީލް މަހުގެ މުސާރަ ވެސް ނުދީ އެބަހުރި ކަމަށާއި ނަމަވެސް ހުރިހާ ކުޅުންތެރިންނަށް ދޭން ޖެހޭ މާޗު މަހުގެ މުސާރަ މިއަދު ދީ ނިންމާނެ ކަމަށެވެ.

"ބައެއް ކުޅުންތެރިންނަށް މާޗު،އޭޕްރީލްގައި ނުދެވި ހުރީ. ކުރީ މަސްމަހު ދީފައި ހުރީ. މިއަދު އަޅުގަނޑުމެން ނިންމާނަން މާޗުމަހުގެ މުސާރަ އެއްކޮށް،" އޮފިޝަލް ވިދާޅުވި އެވެ.

މުސާރަނުދޭތާ ދެމަހަށްގިނަ ދުވަސްވެފައިވާތީގެ ހިތްހަމަނުޖެހުން ފާޅުކޮށް، ނިއުރޭޑިއަންޓްގެ ގިނަ ކުޅުންތެރިން މިހާރު ވަނީ ޕްރެކްޓިހަށް ނުކުތުން ހުއްޓާލައިފި އެވެ.

ފާއިތުވެދިޔަ ހަތަރު އަހަރުގެ އެންމެ ކާމިޔާބު ޓީމު އަދި ރާއްޖޭގެ އެންމެ ބޮޑު އެއް ކުލަބުގެ މެނޭޖްމަންޓް މި އަހަރު ބަދަލުވެފައިވާއިރު ބައެއް ކުޅުންތެރިންނަށް ދެ މަހުގެ މުސާރަ އަނެއް ބައި ކުޅުންތެރިންނަށް އެއަށްވުރެ ގިނަ ދުވަހު ވެސް މުސާރަ ނުލިބިފައިވާ ކަމަށް ކުޅުންތެރިން ވަނީ ބުނެފަ އެވެ.

އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި މާދަމާ ރޭ ބީޖީއާ ދެކޮޅަށް ކުޅޭ މެޗަށް ފަރިތަކުރަން އިއްޔެ ބޭއްވި ނިއުގެ ޕްރެކްޓިހުގައި ބައިވެރިވީ ވެސް އެންމެ ހަތް ކުޅުންތެރިންނެވެ.