ހަބަރު

ކުލި ނުދެއްކި ކަމަށް ބުނެ ނާޒިމް، ރިޔާޒު ގޮވައިގެން ކޯޓަށް!

ކުލީގެ މައްސަލައެއްގައި ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދުއާ ދެކޮޅަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުންދާ ކުރީގެ ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް މައްސަލައެއް ވައްދައިފި އެވެ.

ސިވިލް ކޯޓަށް ނާޒިމް، ރިޔާޒުއާ ދެކޮޅަށް ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ، 2011 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ޖޫން މަހާ ހަމައަށް ރިޔާޒު ރަޝީދާއި އޭނާގެ އަނބިކަނބަލުން އަދި ދެ ދަރިން ދިރިއުޅެމުންގެންދިޔަ މ. ނިޔަދުރުގޭގެ ފަސް ވަނަ ފަންގިފިލާގެ ދެ އެޕާޓްމަންޓެއްގެ ކުލި ނުދައްކާ ކަމަށެވެ. ނިޔަދުރުގެއަކީ އަހުމަދު ނާޒިމްގެ ގެ އެވެ.

މި މައްސަލާގެ ޑިސްޕިއުޓު މަރުހަލާ މިހާރު ވަނީ ނިމިފަ އެވެ. ދެ ފަރާތުން އެއް ގަލަކަށް އަރާފައިނުވާތީ މައްސަލަ ވަނީ ޝަރީއަތަށް ފޮނުވާފަ އެވެ. މި މައްސަލާގެ ފުރަތަމަ އަޑުއެހުން މާދަމާ ހެނދުނު 10:15 ގައި އޮންނާނެ އެވެ.