ދުނިޔެ

ފިލްމުތަކުގެ އެކްޝަން މަންޒަރުތައް ކުޅުން ޕެރިހުގައި މަނާކޮށްފި

މިދިޔަ މަހު ފްރާންސްގެ ނޫސް އިދާރާއަކަށް ހަމަލާދީ ބަޔަކު މަރާލި ހާދިސާއާ ގުޅިގެން އެ ގައުމުގެ ވެރިރަށް ޕެރިސްގައި ފިލްމުތަކުގެ އެކްޝަން މަންޒަރުތައް ކުޅުން މަނާކޮށްފި އެވެ.

ފިލްމު އުފައްދާ ފަރާތްތަކުގެ މެދުގައި މަގްބޫލް މަންޒިލެއްގެ ގޮތުގައި ވެފައިވާ ޕެރިސްގައި އެކްޝަން މަންޒަރުތައް ކުޅުން މަނާކޮށްފައިވަނީ އެފަދަ ކަންތަކުގެ ސަބަބުން މައްސަލަތަކެއް ނިކުމެދާނެތީ އާއި އެފަދަ މަންޒަރުތައް ކުޅެން އެކަމަށް ޚާއްސަ ހެދުން އަޅާފައި ތިބޭ އެކްޓަރުންނަށް ހަމަލާއެއް އަތުވެދާނެތީ ކަމަށް ބުނެއެވެ.

އެކްޝަން މަންޒަރުތައް ކުޅުމުގެ އިތުރުން އެފަދަ ކަންކަމުގައި ފޭކް ހަތިޔާރު ގެންގުޅުން ވެސް ޕެރިސްގައި ވަނީ މަނާކޮށްފަ އެވެ.

ރަސޫލާއަށް ކާޓޫނު ކުރަހައި، ޖޯކު ޖަހާފައިވާ ޗާލީ ހޭބްދޯ ނަމަކަށް ކިޔާ ނޫހުގެ އިދާރާއަށް ބަޔަކު ބަޑިން ދިން ހަމަލާގައި 11 މީހަކު މަރުވެ، އެތައް ބަޔަކު ޒަހަމްވެފައިވެ އެވެ. މަރުވި މީހުންގެ ތެރޭގައި އެ ނޫހުގެ އެޑިޓަރާއި ބައެއް އިސް މުވައްޒަފުން ހިމެނޭއިރު އެ ހަމަލާގައި ބައިވެރިވި ބައެއް މީހުން މަރާލައި، އަނެއް ބައި މީހުން ވަނީ ހައްޔަރުކޮށްފަ އެވެ.

އެކްޝަން މަންޒަރުތައް ޕެރިސްގައި ކުޅުން މަނާ ކުރިއިރު މިދިޔަ އަހަރު އެކަނި ވެސް ޕެރިސްގައި 930 ފިލްމެއްގެ ޝޫޓިން ކުރިއަށް ގެންގޮސްފައިވެ އެވެ. އޭގެ ތެރެއިން 20 ވަރަކަށް ފިލްމަކީ ބައިނަލްއަގްވާމީ ގޮތުން މަޝްހޫރު ފިލްމުތަކުގެ ޝޫޓިންތައް ކަމަށް ރަސްމީ ތަފާސް ހިސާބުތަކުން ދައްކަ އެވެ.