ރައީސް އަބްދުﷲ ޔާމީން

"ފަހި ނުވައެއް ތޭރަ" ފެސްޓިވަލަށް ރައީސް ޒިޔާރަތްކުރައްވައިފި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ދެ އަހަރާއި ބައި ފުރުން ފާހަގަ ކުރުމުގެ ގޮތުން ކުޅިވަރު އެކުވެނި ދަނޑުގައި ކުރިއަށް ގެންދިޔަ، "ފަހި 913 ސްޕޯޓްސް ފެސްޓިވަލް" އަށް، ރައީސް ޔާމީނާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމް މިއަދު ޒިޔާރަތް ކުރައްވައިފި އެވެ.

މި ޒިޔާރަތުގައި، ރައީސްގެ ދެކަނބަލުން ވަނީ މި ފެސްޓިވަލުގައި ހިނގަމުންދިޔަ ކުޅިވަރުތައް ބައްލަވާލައްވާފަ އެވެ. މީގެ ތެރޭގައި، އަންހެނުން އަދި ފިރިހެނުންގެ ފުޓުބޯޅަ، ހޭންޑްބޯލް، ބާސްކެޓް، ބަށި، ބައިބަލާ އަދި ދުވުމުގެ މުބާރާތުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ކުޅިވަރުތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރައީސްގެ ދެކަނބަލުން ވަނީ ކުޅިވަރުތައް ބައްލަވާލެއްވުމަށްފަހު، މި ފެސްޓިވަލުގައި ހިމެނޭ ކުޑަކުދިންގެ އެކަޑެމީތަކުގެ ބައިވެރިންނާ ބައްދަލުކުރައްވާ ފޮޓޯ ނަންގަވާފަ އެވެ. މި ފެސްޓިވަލަށް، ރައީސްގެ ދެކަނބަލުން މި ކުރެއްވި ޒިޔާރަތުގައި، "ފަހި 913" ކޭކުފެޅުމުގެ ރަސްމިއްޔާތުގައި ވަނީ ބައިވެރިވެވަޑައިގެންފައެވެ.

"ފަހި 913 ކުޅިވަރު ފެސްޓިވަލް" ބޭއްވުމުގެ މަގްސަދަކީ ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ކުޅިވަރު ކުޅުމުގެ ފުރުސަތު ހޯދައިދީ އުފާވެރި މާހައުލެއް ގާއިމްކޮށްދިނުންކަމަށް ރައީސް ޔާމިން ކެމްޕެއިން އޮފީހުން މައުލޫމާތުދެއެވެ. މިއީ ރާއްޖޭގައި މިފަދަ ގޮތަކަށް ކުރިއަށް ގެންދިޔަ ފުރަތަމަ ފެސްޓިވަލްކަން ވެސް ފާހަގަކޮށްލެވެއެވެ.

މި ރަސްމިއްޔާތުގައި، ރައީސްގެ އަރިހުގައި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސަރުކާރުގެ ބައެއް އިސް ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.