ބޭރު ކުޅިވަރު

ކޯސްޓާ އާއި މާޓާ އަދި ޓޮރޭޒް ސްޕޭން ޓީމުން ބާކީކޮށްފި

ޗެލްސީގެ ފޯވަޑް ޑިއެގޯ ކޯސްޓާ އާއި މެންޗެސްޓާ ޔުނައިޓެޑުގެ ހުއާން މާޓާ އަދި އެތްލެޓިކޯ މެޑްރިޑުގެ ފެނާންޑޯ ޓޮރޭޒް ބާކީކޮށް ޔޫރޯ އަށްދާ ސްޕޭން ސްކޮޑް އިއުލާނުކޮށްފި އެވެ.
ޗެލްސީގެ ޑިއެގޯ ކޯސްޓާ: އޭނާ ވަނީ ސްޕޭން ސްކޮޑުން ބާކީކޮށްފައި.
އެތްލެޓިކޯގެ ޓޮރޭޒް: އޭނާ އަކީ އެންމެ ފަހުގެ ދެ ޔޫރޯ ސްޕޭނަށް ކާމިޔާބުކޮށްދިނުމަށް ފައިނަލްގައި ލަނޑު ޖެހި ކުޅުންތެރިޔާ

އެންމެ ފަހުގެ ދެ މުބާރާތުގެ ޗެމްޕިއަން ސްޕޭނުން އެކުލަވާލި 27 ކުޅުންތެރިންގެ ސްކޮޑުން އާސެނަލްގެ ސެންތި ކަޒޯލާ އަށް ވެސް ޖާގަ ދީފައިނުވެ އެވެ. މި ކުޅުންތެރިންގެ ތެރެއިން ޓޮރޭޒް އަކީ އެންމެ ފަހުގެ ދެ ޔޫރޯ ސްޕޭނަށް ކާމިޔާބުކޮށްދޭން ފައިނަލް މެޗުގައި ގޯލު ޖެހި ކުޅުންތެރިޔާ އެވެ. ނަމަވެސް މި ފަހަރުގެ ޓީމުން ބާކީވުމުން ޖެހިޖެހިގެން ޔޫރޯގެ ތިން ވަނަ ފައިނަލެއްގައި ލަނޑު ޖަހައިގެން ރެކޯޑް ހެދުމުގެ ފުރުސަތު އޭނާ އަށް ވަނީ ގެއްލިފަ އެވެ.

2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ސްޕޭން ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރި ޓޮރޭޒް ވަނީ މި ފަހަރުގެ ޔޫރޯ އަށް އޭނާ ނަގައިފިނަމަ އެއީ ވަރަށް ބޮޑު ހައިރާންކަމަކަށްވާނެ ކަމަށް ކުރިން ވެސް ބުނެފަ އެވެ. ނަމަވެސް ފަހަކަށް އައިސް އޭނާ ހުރީ ވަރަށް ފޯމުގަ އެވެ.

ކޯޗު ވިސެންޓޭ ޑެލްބޮސްކޭ އިއުލާނުކުރި ސްކޮޑުން ތަޖުރިބާކާރު ކީޕަރު އަދި ކެޕްޓަން އިކާ ކަސިޔާސް އާއި މެންޗެސްޓާ ޔުނައިޓެޑުގެ ކީޕަރު ޑޭވިޑް ޑެހެޔާ އަށް ފުރުސަތު ދީފައިވެ އެވެ.
ފަހަތުން ބާސެލޯނާގެ ޖޯޑީ އަލްބާ އާއި ޖެރާޑް ޕީކޭ އަދި ރެއާލް މެޑްރިޑުގެ ސާޖިއޯ ރާމޯސް އާއި ޑެނީ ކަވަހާލް އަށް ފުރުސަތު ދީފައިވާއިރު ޗެލްސީގެ ސެޒާ އަޒްޕިލިކުއެޓާ އާއި އެތްލެޓިކޯގެ ޖައުފަރަން ވެސް ވަނީ ޖާގަ ހޯދައިފަ އެވެ.

މެދުތެރެއިން ބާސެލޯނާގެ ކެޕްޓަން އަންދްރޭސް އިނިއެސްޓާ އާއި ސާޖިއޯ ބުސްކެޓްސް އަދި މެންޗެސްޓާ ސިޓީގެ ޑޭވިޑް ސިލްވާ އާއި އެތްލެޓިކޯގެ ކޯކޭ އަދި ޗެލްސީގެ ސެސް ފެބްރިގާސް އާއި ބަޔާން މިއުނިކްގެ ތިއާގޯ އަލްސަންޓްރާ އާއި ރެއާލް މެޑްރިޑްގެ އިސްކޯ ހިމަނާފައިވެ އެވެ.

ފޯވަޑުންނަށް ނަގާފައިވަނީ ޗެލްސީ ޕެޑްރޯ ރޮޑްރިގޭޒް އާއި ޔުވެންޓަސްގެ އަލްވާރޯ މޮރާޓާ އާއި ސްލްޓަވީގޯގެ ނޮލިޓޯ އާއި ރެއާލް މެޑްރިޑުގެ ވަޒްކުއޭޒް އެވެ.

މި ސްކޮޑު ޔޫރޯ އަށް ފްރާންސަށް ދިއުމުގެ ކުރިން 23 ކުޅުންތެރިންނަށް މަދުކުރާނެ އެވެ. ޔޫރޯގައި ފްރާންސް ހިމެނެނީ ޗެކް ރިޕަބްލިކާއި ތުރުކީ އަދި ކްރޮއޭޝިޔާ އެވެ.