ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސްކަން އަހުމަދު ތޯރިގް (ޓޮމް) އަށް ލިބޭނެކަން ކަށަވަރުވެއްޖެ އެވެ. މިކަން ކަށަވަރުވީ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވިއިރު ޓޮމް އެކަނި ކުރިމަތިލައިފައިވާތީ އެވެ. އިންތިހާބަށް ނުކުންނަން ޝައުގުވެރިކަން ފާޅުކުރި ނަމަވެސް އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދު ކުރިމަތިލައިފައިނުވެ އެވެ.
ރާއްޖެ މި ސަރަހައްދުގެ ފުޓްބޯޅަ ޗެމްޕިއަނުން ކަމަށް ހަދައިދިނުމުގެ އުއްމީދާއެކު ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަދި ކުރީގެ ގައުމީ ފޯވަޑް އަހުމަދު ތޯރިގް (ޓޮމް) ކުރިމަތިލިއިރު
2003 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރާ ހަމައަށް ގައުމީ ޓީމަށް ކުޅުނު ޓޮމް އަކީ މިމަހުގެ 31 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނުކުރެއްވި ފުރަތަމަ ކެނޑިޑޭޓެވެ.
ޓޮމް އޭނާގެ ފޭސްބުކް ޕޭޖުގައި އާދީއްތަ ދުވަހު ވިދާޅުވީ ގައުމީ ފުޓްބޯޅަ އިދާރާގެ އެންމެ އިސްމަގާމަށް ވާދަކުރަން ނިންމީ ކުލަބުތަކާއި އެކުގައި ކުޅުނު ކުޅުންތެރިންނާއި ރަހުމަތްތެރިންނާއި މުޅި ފުޓްބޯޅަ އާއިލާއާ މަޝްވަރާކުރުމަށްފަހު ކަމަށެވެ. އަދި މިވަގުތު ދިވެހި ފުޓްބޯޅަ އޮތީ ވަރަށް ދެރަވަރުކޮށް ކަމަށާއި ފުޓްބޯޅަ ނެގެހެއްޓުމަށް ރަނގަޅު ޕްލޭންތަކެއް ބޭނުންވާ ކަމަށެވެ. އަދި އޭނާ ކުޅެގެން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ތަށި ރާއްޖެ ހޯދި ފަދައިން އަލުން ސަރަހައްދުގެ ޗެމްޕިއަންކަން ޓީމަށް ރާއްޖެ އަށް ވެވިދާނެ ކަމަށާއި އެކަމަށާއި އޭޝިޔާގެ އެންމެ މަތީ ފަންތީގެ މުބާރާތަށް ރާއްޖެ ގެންގޮސްދިނުމަށް ރޭވުންތެރިކަމާއެކު މަސައްކަތްކުރަންޖެހޭ ކަމަށެވެ.
ކުޅުންތެރިއެއްގެ ޖާޒީ ބޭލުމަށްފަހު ޓޮމް މިހާތަނަށް ހަރަކާތްތެރިވަމުން ދިޔައީ ކުލަބުތައް ހިންގުމުގެ ދާއިރާގަ އެވެ. މި ގޮތުން ނިއުރޭޑިއަންޓްގެ ޖެނެރަލް ސެކްރެޓަރީ ކަމާއި އެކުލަބުގެ ތަފާތު މަގާމުތައް އޭނާ ވަނީ ފުރުއްވާފަ އެވެ. އަދި އަމިއްލަ ރަށް އދ. މަހިބަދު އަށް ނިސްބަތްވާ ކުލަބެއް އުފައްދައި އެކުލަބު ތިން ވަނަ ޑިވިޝަނުން ފެށިގެން ފުރަތަމަ ޑިވިޝަނާ ހަމައަށް ގެންގޮސްދެއްވި އެވެ. މިހާރު އޭނާ އަކީ ކުލަބު އީގަލްސްގެ ވައިސް ޗެއާމަން އެވެ
ސްކޫލު ދައުރުގައި ސީއެޗްއެސްއީ ޓީމުން މޮޅު ފޯވަޑެއްގެ ގޮތުގައި ފާހަގަކުރެވުނު ޓޮމް އޭނާގެ ކެރިއަރުގެ ބޮޑުބައެއް ހޭދަކުރީ ނިއުރޭޑިއަންޓްގަ އެވެ. އެނޫން ކުލަބެއްގެ ޖާޒީގައި އޭނާ ފެނުނީ 2009 ވަނަ އަހަރު ފަހުކޮޅު ވެލެންސިއާ އިންނާއި ޖެހިގެން އައި އަހަރުގެ ކުރީކޮޅު ވީބީ ސްޕޯޓްސް ކުލަބުންނެވެ.
ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ގައުމީ ޓީމުގައި ވެސް މުހިންމު ދައުރެއް އަދާކުރި ޓޮމް އަކީ 2009 ވަނަ އަހަރުގެ މުބާރާތުގެ އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އޭނާ އަކީ ނިއުރޭޑިއަންޓް 2005 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ސެމީ ފައިނަލަށް ގެންގޮސްދިނުމަށް ކުއާޓާ ފައިނަލުގައި ޖޯޑަންގެ އަލްހުސައިން ކޮޅަށް ލަނޑު ޖެހި ކުޅުންތެރިޔާ ވެސްމެ އެވެ. އޭނާ މި ލަނޑު ޖެހީ މެލޭޝިޔާގައި އެކައުންޓިންގެ ރޮނގުން ކިޔަވަން ހުރެފައި ނިއުގެ އެދުމުގެ މަތީން އެމެޗަށް މާލެ އައިސް އެވެ.
ހޯމް މިނިސްޓްރީ އާއި ޔޫތު މިނިސްޓްރީ އާއި އެފްއޭއެމުގެ ހިޔާލުތަފާޓުވެގެން ތިން ފަހަރެއްގެ މަތީން ފަސްވެފައިވާ އެފްއޭއެމުގެ އިންތިހާބަށް ކުރިމަތިލާން އަލުން ހުޅުވާލީ މިދިޔަ ހަފުތާގައި ފާސްކުރި އަސާސީ ގަވާއިދަށްފަހު އެވެ.