ރާއްޖޭގެ ގައުމީ ޓީމް ދުށް އެންމެ މޮޅަތި ފޯވާޑުންގެ ތެރޭގައި ހިމެނޭ، އަހުމަދު ތޯރިގް، ޓޮމް އެފްއޭއެމްގެ ރައީސް ކަމަށް ގެންނަން ވިކްޓްރީ ސްޕޯޓްސް ކުލަބުން އެންޑޯޒް ކޮށްފި އެވެ.
ވިކްޓްރީ ސްޕޯޓްސް ކްލަބްގެ ޖެނެރަލް ސެކްރެޓަރީ އަލީ ފާއިޒް މިއަދު، "އަވަސް" އަށް ވިދާޅުވީ އެ ކްލަބުން އެގޮތަށް ނިންމީ ރޭގައި ބޭއްވި އެ ކްލަބްގެ ބޯޑް ބައްދަލުވުމުގައި ބައިވެރިވި ހަ މެންބަރުންގެ އިއްތިފާގުން ކަމަށެވެ.
މަހިބަބދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރުކަން ވެސް ކުރައްވާ ޓޮމްއަށް ތާއީދު ކުރަން ފުރަތަމަ ޑިވިޝަންގެ ފަސް ކްލަބަކުން ވެސް ނިންމާނެކަން އަވަސް އަށް ވަނީ އެނގިފަ އެވެ. އެފްއޭއެމްގެ ރައީސްއަކަށް ޓޮމް ހުންވަނިކޮށް އެފްއޭއެމްގެ ބޯޑްގެ އަގުލަބިއްޔަތު މެންބަރުން އިސްތިއުފާ ދެއްވުމުން އޭނާގެ މަގާމު ވަނީ ގެއްލިފަ އެވެ.
އެހެން ނަމަވެސް އެ މަގާމަށް ޓޮމް ވާދަ ކުރައްވާނެ ކަމެއް ނުވަތަ ނޫން ކަމެއް ވެސް އަދި ކަށަވަރެއް ނުކުރެވެ އެވެ. ޓޮމްއަށް ވިކްޓަރީ އިން އެންޑޯޒްމަންޓް ދިނުމާ ގުޅޭ ގޮތުން ޓޮމްގެ ކޮމެންޓެއް ލިބޭ ގޮތެއް ނުވި އެވެ. އެހެން ނަމަވެސް އެ އެންޑޯޒްމަންޓާ އެކު ޓޮމް އެ މަގާމަށް ވާދަ ކުރައްވާނެކަން މި ވަނީ ގާތްގަނޑަކަށް ޔަގީންވެ އެވެ.
ފާއިޒް ވިދާޅުވީ ޓޮމްއަށް އެ މަގާމަށް ގެންނަން އެ ކްލަބުން ތާއީދު ކުރަނީ ޓޮމް އަކީ ފުޓްބޯޅައިގެ ދާއިރާގައި ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ އަދި އެ ދާއިރާއަށް ހިދުމަތް ކުރުމުގެ ޝައުގުވެރިކަމާއި ލޯބި އޭނާގެ އޮތުމުންނެވެ. އަދި ފުޓްބޯޅަ ކުރިއެރުވުމަށާއި ކްލަބުތައް ކުރިއެރުވުމުގެ ހަގީގީ ޕްލޭނަކާއި ސްޓްރެޓެޖީއެއް ގެންގުޅެނީ ވެސް ޓޮމް ކަމަށް ފާއިޒް ވިދާޅުވި އެވެ.
"މިފަދަ ސަބަބުތައް ހުރީމާ އެބޭފުޅާ މި މަގާމަށް ކުރިމަތިލާން މި ކްލަބުން މިއެދެނީ. އެގޮތަށް މި ކްލަބްގެ ބޯޑުން ނިންމިކަން މިހާރު ވަނީ ލިޔުމަކުން ޓޮމްއަށް އަންގާފައި،" ފާއިޒް ވިދާޅުވި އެވެ.
އެފްއޭއެމްގެ ރައީސްކަމަށް ކުރިމަތިލާނެކަން މިހާތަނަށް ހާމަކޮށްފައި ވަނީ، އެފްއޭއެމްގެ ސެކްރެޓަރީ ޖެނެރަލަކަށް ހުންނެވި ބައްސާމް އެވެ.