ރާއްޖެ ކުޅިވަރު

ޓޮމް އެއްލާލިއިރު ވަފާތެރިން ކޮބާ؟

ކުޅިވަރުގެ މައިދާނަށް އަންގާރަ ދުވަހު ޝޮކެއް ލިބުނީ އެފްއޭއެމުގެ ނުވަ މެމްބަރުންގެ ތެރެއިން ފަސް މެމްބަރުން އިސްތިއުފާދީ ރައީސް އަހުމަދު ތޯރިގް (ޓޮމް)ގެ މަގާމު ގެއްލުވާލުމުންނެވެ. މިއީ ވަރަށް ބޮޑު ލޮޅުމެކެވެ. އިސްތިއުފާދިން ފަސް މެމްބަރުން އެދުވަހު ހަވީރު ނޫސްވެރިންނާ ބައްދަލުކޮށް، އެމީހުންގެ ޝަކުވާތައް ފޮރުވުމެއްނެތި ސާފުކޮށްދިނެވެ. އެކަމަކު އެންމެ ހައިރާންވީ މިހާބޮޑު ކަމެއް ހިނގާދިޔައިރު ބާކީތިއްބެވި ހަތަރު މެމްބަރުން ހިމޭނުންތިއްބެވުމެވެ.

އެފްއޭއެމުން އިސްތިއުފާދެއްވީ ނާއިބް ރައީސް އަލީ އުމަރާއި، އެކްސްކޯ މެމްބަރުން ކަމަށްވާ ގައުމީ ޓީމުގެ ފިޒީޝަން އަހުމަދު ޝަކީބާއި ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ ކެޕްޓަން އައްސަދު އަބުދުލްގަނީ އާއި ޓީސީ ސްޕޯޓްސްގެ ކުލަބުގެ އަހުމަދު އީސާ އާއި ކުރީގެ މަޝްހޫރު ވޮލީކުޅުންތެރިޔާ އައިޝަތު ނާޒިމާ އެވެ. މި ފަސްމީހުން އެމީހުންގެ ޝުއޫރުތައް ހިފެހެއްޓުމެއްްނެތި ދޫކޮށްލީ ޖަޒުބާތާއެކުގަ އެވެ. ހުރިހާ ޝޮޓެއް ވެސް އަމާޒުވީ ސީދާ ޓޮމް އަށެވެ. ބައެއް ހަމަލާތައް އެހެން ބައެއް މީހުންނަށްވެސް އަމާޒުވި އެވެ.

ޓޮމް މިވަގުތު މިކަމާބެހޭ ގޮތުން ވާހަކަ ދައްކަން ބޭނުންނުވަނީ އެވެ. ފަހަރުގައި މިދަނޑިވަޅު އުނދަގޫވެދާނެ އެވެ. އެކަމަކު އިސްތިއުފާދިން ފަސް މެމްބަރުން އެހާ ފާޅުކަންބޮޑުކޮށް ރައީސަށް ފާޑުކިޔައި ހެދިއިރު ވަފާތެރި އެކްސްކޯގެ އަނެއް ތިން މެމްބަރުން ކޮބާތޯ އެވެ؟. ސީނިއާ ވައިސް ޕްރެޒިޑެންޓްގެ މަގާމުގައި ހުންނެވި ކުރީގެ ގައުމީ ކެޕްޓަން މުހައްމަދު ކަލީމް އެއްވެސް އެއްޗެއް މިހާތަނަށް ވިދާޅެއްނުވެ އެވެ. އެކަމަކު ނައިބެއްގެ މަގާމުގައި ހުންނެވި ބޭފުޅަކު ބޮޑު ކަމެއް ހިނގާދިޔަތާ ތިން ދުވަސް ފާއިތުވާއިރު އެއްވެސް އެއްޗެއް ވިދާޅުނުވުމަކީ ސުވާލު އުފެދޭކަމެކެވެ؟ ކޮންމެހެން ވާހަކަ ދައްކަންޖެހޭނީ ނޫސްވެރިން އާދޭސްކޮށްގެނެއްނޫނެވެ.

އިސްތިއުފާ ނުދެއްވާ ތިއްބެވި އަނެއް ދެމެމްބަރުންނަކީ ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަދި ޓޮމްގެ ގާތް ބޭފުޅެއް ކަމަށްވާ އީގަލްސްގެ ޗެއާމަން އަހުމަދު ޝިޔާމެވެ. ޓޮމް އަކީ އީގަލްސްގެ ވައިސް ޗެއާމަން ވެސްމެ އެވެ. ދެން ހުންނެވީ އަހުމަދު ޒަރީރެވެ. މިއިން އެއްވެސް ބޭފުޅަކު އަމިއްލައަށް އިސްނަގައިގެން މީޑިޔާއާ އަދި ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް މި ދެ ބޭފުޅުންނަށްވުރެ ބޮޑު ޒިންމާއެއް އޮތީ ކަލީމްގެ ކޮނޑުގަ އެވެ.

މުހައްމަދު ކަލީމަކީ ފުޓްބޯޅަ ސަޕޯޓަރުންގެ އިހްތިރާމާއި ލޯބި އިންތިހާ އަށް ހޯއްދަވާފައިވާ ބޭފުޅެކެވެ. ގައުމީ ޓީމަށް އެތައް ދުވަހަކު ކުޅުއްވައި ފުރަތަމަ ރިހިމެޑަލް ހޯދި ޓީމުގެ ކެޕްޓަނެކެވެ. ކުޑަދުވަސްކޮޅަކަށް 2007ގައި އެފްއޭއެމުގެ ޗެއާމަންކަން ވެސް ކުރެއްވި އެވެ. މިހެންވުމުން މިފަދަ ނާޒުކު ދަނޑިވަޅެއްގައި ފުޓްބޯޅައިގެ މަސްރަހާމެދު ވާހަކަ ދެއްކުމަކީ އޭނާ ހުންނެވި މަގާމުގެ ގޮތުންނާވެސް އެކު އަދާކުރައްވަންޖެހޭ ގައުމީ ވާޖިބެކެވެ.

ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ވެސް އެވަނީ މިދަނޑިވަޅުގައި އޭނާގެ ދެކޭގޮތް އެވަނީ ވަރަށް ޑިޕްލޮމެޓިކްކޮށް ބުނެފަ އެވެ. އަވަސް އަވަހަށް ނުވަތަ އަބަދު އިންތިހާބު ބާއްވަންވެއްޖެނަމަ ފުޓްބޯޅަ ކުރިނާރާނެ ކަމަށް ދަގަނޑޭ ބުނެފައިވެ އެވެ. މި މައްސަލައިގެ ތެރެއަށް މާބޮޑަށް ނުވަނަސް އެވަރުން ފުދޭނެ އެވެ. އަނެއްކޮޅުން ދަގަނޑޭއަކީ މިވަގުތު ކުޅުންތެރިއަކަށްވެފައި ސްޕޯޓްސް ޕޮލިޓިކްސްގައި މިވާހަކަ އޭނާ ނުބުންޏަސް އެކަކުވެސް ޝަކުވާއެއްނުކުރާނެ އެވެ. އެކަމަކު ކަލީމް ތަފާތެވެ.

އެފްއޭއެމުގެ ތެރޭގައި ބޮޑެތި ގޯސްތަކެއް ހިނގާދިޔަ ކަމަށް އިސްތިއުފާދެއްވި މެމްބަރުން ވިދާޅުވިއިރު، އެކަންކަން އެންމެ ގާތުން ފެނިވަޑައިގެންފައި ހުންނާނީ ވެސް ކަލީމަށެވެ. ގޯހެއް ހިނގާފައިވާނަމަ، ނުވަތަ ރަނގަޅަށް ކަމެއް ކުރެވިފައިވާނަމަ އެކަން ސާފުކޮށްދޭންވާނެ އެވެ. އެފްއޭއެމުގައި މިހިނގާދިޔަ ކަންކަމާ ގުޅޭގޮތުން މިވަގުތު ފުޓްބޯޅަ އަށް ހެޔޮއެދިގެން ވާހަކަ ދެއްކުން އެންމެ ހައްގު އެއްބޭފުޅަކީ ވެސް ކަލީމެވެ. ހިމޭންވެ ހުންނެވުމުން ދޭހަކޮށްދެނީ އެހެންމާނައެކެވެ.