ރަސްފަންނު

ރަސްފަންނު އޮތީ އާންމު ހާލަތުގައި، ކަންބޮޑުވާނެ ގެއްލުމެއް ނެއް: މުއިއްޒު

އިއްޔެ އެރި އުދާގައި ކަންބޮޑުވާވަރުގެ ބޮޑު ގެއްލުންތައް ރަސްފަންނަށް ނުލިބޭ ކަމަށާއި ރަސްފަންނު މިހާރު އޮތީ އާދައިގެ ހާލަތުގައި ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މޫސުން ގޯސްވެ ދިޔަވަރު ބޮޑުވުމާ ގުޅިގެން ރަސްފަންނަށް އިއްޔެ ވަނީ އުދައަރައި ގެއްލުން ވެފައެވެ.

މިނިސްޓަރު މުއިއްޒު ވިދާޅުވީ ހުޅަނގު މޫސުމުގައި ގަދަ ދުވަސްތަކުގައި އެގޮތް ވެދާނެ ކަމަން ކުރިން ވެސް އެނގޭ ކަމަށާއި ރަސްފަންނު ތަރައްގީ ކޮށްފައިވާނީ ވެސް އުދައަރާ ފާނެ ކަމަށް ބަލާފައި ކަމަށެވެ. އެގޮތުން ތޮށިގަނޑު ޑިޒައިންކޮށްފައި ވާނީ އެންމެ ކަނޑުގަދަ ދުވަސްތަކަށް ބަލައިފައި ކަމަށެވެ.

މުއިއްޒު ވިދާޅުވީ އުދައިގެ ސަބަބުން ރަސްފަންނަށް ލިބުނީ ބޮޑެތި ގެއްލުންތަކެއް ކަމަށް ގަބޫލެއް ނުކުރައްވާ ކަމަށާއި ނަމަވެސް ކޮށްލަން ޖެހުނު ކުދި ކުދި މަސައްކަތްތަކެއް ހުރި ކަމަށާއި އެކަންކަން ނިންމައި، މިހާރު އާންމު ހާލަތައް ގެނެސްފައި ކަމަށެވެ.

"އަޅުގަނޑުމެން ސަޕްރައިޒްވާ [ހައިރާންވާ] ވަރުގެ ކަމެއް ނޫން އެއީ. އެއީ މާބޮޑު ގެއްލުމެއް ލިބިގެން ތަން ހަލާކުވެގެން ދިޔަ ކަހަލަ ކަމަކަށް ގަބޫލެއް ނުކުރެވޭ. ކުރާނެ މާ ބޮޑު މަރާމާތެއް ވެސް ނެތް. ފަސް އަޅައިލާ ވެއްޓުނު ބައެއް އެއްޗެހި ނަގައި ހަރުކޮށްލަން ޖެހުނު. މާބޮޑު ހަރަދެއް އަޅުގަނޑުމެން އަތަކުން ނުދާނެ. މިހާރު އެތަން އޮތީ ނޯމަލް ސިޗުއޭޝަން [އާންމު ހާލަތު] ގައި" މުއިއްޒު ވިދާޅުވި އެވެ.

ރަސްފަންނު ތަރައްގީކޮށްފައިވާ އިރު އެތަނުގެ މޫދުގައި ޕެވިލިއަންއެއް ގާއިމް ކުރުމުގެ މަސައްކަތް ވެސް ކުރިޔަށް ދެއެވެ. އަދި އެފަދަ އުދައިގެ ސަބަބުން އެތަން ނުހިފާއްޓާނެ ކަމަށް ބައެއް ފަރާތްތަކުން ބުންމުން ދިޔައެވެ. އެކަމަށް ރައްދު ދެއްވާ މުއިއްޒު ވިދާޅުވީ އެތަން ޑިޒައިން ކޮށްފައި ހުންނާނީ ރައްކާތެރިކޮށް ކަމަށާއި ފައުންޑޭޝަން ޑިޒައިންނާއި އެއްޗެހި ހަދާފައި ހުރި އެފަދަ ހާލަތްތަކަށް އެކަށީގެންވާ ވަރަށް ފެންވަރުގައި ކަމަށެވެ.