ހަބަރު

ދައުލަތުގެ ބިންތަކުގައި ގަވައިދާ ހިލާފަށް ހުރި ޖަގަހަތައް ރޫޅަން ފަށައިފި

May 18, 2016

ރަށްރަށުގައިހުރި ދައުލަތުގެ ބިންތަކުގައި ގަވައިދާ ހިލާފަށް ހުރި ޖަގަހަ ފަދަ ތަންތަން ނަގައި ބިންތައް ސާފު ކުރުމުގެ މަސައްކަތް ފުލުހުން ފަށައިފި އެވެ.

ފުލުހުން ބުނީ އެ އެހީތެރިކަން ފޯރުކޮށްދެނީ ދައުލަތުގެ ބިންތަކުގައި ކައުންސިލްތަކުގެ ހުއްދައާ ނުލައި ސިޔާސީ ޕާޓީތަކުން ޖަގަހަ ހަދައި އެފަދަ ބިންތަކުގެ ބޭނުން ކުރަމުން ގެންދާތީ ކަމާބެހޭ އިދާރާތަކުން ފުލުހުންގެ ކިބައިން އެކަމަށް އެދިފައި ވާތީ ކަމަށެވެ.

އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ހުރި އެފަދަ ތަންތަން ސާފުކުރުމުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް ދ. ކުޑަހުވަދޫގައި ހުރި ބައެއް ޖަގަހަ އާއި ހއ. ދިއްދޫގައި ހުރި ބައެއް ޖަގަހަ ނަގައި އެތަންތަން ފުލުހުން ވަނީ ސާފުކޮށްފަ އެވެ. މީގެ އިތުރުން މިއަދުގެ ވަގުތެއްގައި ބައެއް އެހެން ރަށްރަށުގައި ހުރި އެފަދަ ޖަގަހަތައް ނެގުމުގެ މަސައްކަތް ފުލުހުން ކުރާނެ އެވެ.

މިފަދަ ޖަގަހަތައް ނެގުމުގައި ފުލުހުން އެހީތެރިކަން ފޯރުކޮށްދެނީ ކަމާބެހޭ ފަރާތްތަކުން އެފަދަ ޖަގަހަތައް ނަގަން ޖަގަހަތައް ނިސްބަތްވާ ފަރާތްތަކަށް އަންގައި މުއްދަތެއް ދިނުމަށްފަހު ވެސް އެ ޖަގަހަތައް ނުނަގައިފި ނަމަ އެވެ.