އެސްޓީއޯ

އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ ފަސްކޮށްފި

May 18, 2016
  • ޖަލްސާ ފަސްކުރީ މާލީ ހިސާބު ނުނިމިގެން
  • ޖަލްސާ ބާއްވާނެ ތާރީހެއް އިއުލާނެއް ނުކުރޭ
  • އަހަރީ ރިޕޯޓު ނެރުންވެސް ވަނީ ފަސްކޮށްފައި

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެސްޓީއޯގެ އަހަރީ އާއްމު ޖަލްސާ ބޭއްވުން ފަސްކޮށްފި އެވެ.

އެސްޓީއޯ އިން ބުނި ގޮތުގައި ކޮންސޮލިޑޭޓެޑް ފައިނޭންސް ސްޓޭޓްމަންޓް ތައްޔާރު ކުރުމުގައި ދިވާވި ދައްޗެއްގެ ސަބަބުން މި މަހުގެ ނިޔަލަށް ބާއްވަން ޖެހޭ އެ ކުންފުނީގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ ބޭއްވެން ނެތުމުން އެ ޖަލްސާ ފަސްކޮށްފައިވާ ކަމަށެވެ. އަދި މިކަމަށް ހައްލެއް ލިބުނުހާ އަވަހަށް އަހަރީ ރިޕޯޓް އާއްމުކޮށް، އަހަރީ އާއްމު ޖަލްސާގެ ނޯޓިސް ފޮނުވާނެ ކަމަށެވެ.

އެސްޓީއޯ އިން ވަނީ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓް ނެރުން ލަސްވިކަން ވެސް މި ދިޔަ މަހު އިއުލާނަކުން އާއްމުކޮށްފަ އެވެ.

ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ ކެޕިޓަލް މާކެޓު ޑިވްލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ގަވާއިދުގައިވާ ގޮތުން ޕަބްލިކް ކުންފުނިތަކުން އަހަރު ނިމޭތާ، ހަތަރު މަސް ދުވަހުގެ ތެރޭގައި އެ އަހަރެއްގެ މާލީ ހިސާބު އާއްމު ކުރަން ޖެހެ އެވެ. މި ތާރީހަށް ރިޕޯޓް އާއްމު ނުކޮށްފިނަމަ އެ ކުންފުންޏެއް 30،000ރ. އިން ޖޫރިމަނާ ކުރެވޭނެ އެވެ. މިގޮތުން މީގެ ކުރިން ބައެއް ކުންފުނިތައް ޖޫރިމަނާ ވެސް ކޮށްފައިވެ އެވެ.