މޫސުން

ވާރޭގައި ތިމަރަފުށީ ގޭގެއަށް ފެން ވަދެ ގެއްލުންވެއްޖެ

ތ. ތިމަރަފުއްޓަށް ބޯކޮށް ވާރޭވެހި، އެ ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން ރަށުގެ 70 ވަރަކަށް ގެއަށް ފެންގަނޑު ވަދެ ބޮޑެތި ގެއްލުންތައް ވެއްޖެ އެވެ. ފެން ބޮޑުވެފައިވަނީ ތިމަރަފުށީގެ އުތުރުކޮޅުގަ އެވެ.

ތިމަރަފުށީ ކައުންސިލްގެ ރައީސް ހުސެއިން ޝަރީފް ވިދާޅުވީ، އިއްޔެ ފެށިގެން އެ ރަށަށް ވެހެމުންދާ ވާރޭގެ ސަބަބުން ރަށުގެ ބޮޑު ބައެއްގައި ފެން ބޮޑުވެފައިވާ ކަމަށެވެ. އަދިވެސް ވާރޭ ވެހެމުންދާ ކަމަށް އޭނާ ބުންޏެވެ.

"ރަށުގެ 70، 80 ވަރަކަށް ގެއަށް ވަނީ ފެން ވަދެފައި، ހިފާ ގެންގުޅޭ ތަކެތި ބޭނުންނުކުރެވޭ ވަރަށް ހަލާކުވެފައި އެބަހުރި ބައެއް ގޭގޭގައި، މީހުންނަށް ދިރިނޫޅެވޭ ވަރަށް ފެން ވަދެފައި ވެސް އެބަހުރި ގޭގޭގައި،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ، މީހުން ދިރިނުޅެވޭވަރުވެފައި ހުރި ގޭގެ މީހުން އާއިލާ ބައެއް ގޭގެއަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، ފެން ވަދެފައިހުރި ގޭގެއާއި ވަންނާނެ ކަމަށް ލަފާކުރެވޭ ގޭގެ ހިފާ ގެންގުޅޭ ސާމާނު ފެން ނުޖެހޭ ވަރަށް މައްޗަށް ނެގުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.

ރަށުގައި ބޮޑުވެފައިވާ ފެންގަނޑު ހިންދުމަށް އެމްޓީސީސީގެ މުވައްޒަފުން ހަރަކާތްތެރިވަމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

ތިމަރަފުށީގެ އާބާދީއަކީ ގާތްގަނޑަކަށް 2،500 މީހުންނެވެ. އެ ރަށުގައި ދިރިއުޅެމުންދަނީ 1،200 އެއްހާ މީހުންނެވެ. އެރަށުގައި 280 ގޭބިސީ ހުރެ އެވެ.