ހޮލީވުޑް

"ފިފްޓީ ޝޭޑްސް އޮފް ގްރޭއި" މެލޭޝިއާގައި މަނާކޮށްފި

މެލޭޝިއާގެ ސެންސަރު ބޯޑުން އަންގަނީ މި ފިލްމަކީ، ފިލްމަކަށް ވުރެ ބޮޑަށް ޕޯނޯގްރެފީ އޭގައި ސިފަކޮށްދީފައިވާ ފިލްމެއް ކަމަށެވެ. މި ސަބަބާ ހެދި "ފިފްޓީ ޝޭޑްސް އޮފް ގްރޭއި" ގެ މެލޭޝިއާގައި ނުދެއްކޭނެ ކަމަށެވެ.

މި މަހުގެ 13 ވަނަ ދުވަހު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޝޯތައް ފެށުމަށް ހަމަޖެހިފައިވާ މި ފިލްމުގެ މައްސަލަ ބެލުމަށް ފަހު މެލޭޝިއާގެ ފިލްމު ސެންސާޝިޕް ބޯޑުން މި ފިލްމަށް އެއްވެސް ކަހަލަ ސެޓްފިކެޓެއް ދީފައެއް ނުވެ އެވެ. ސެންސާޝިޕް ބޯޑުގެ ވެރިޔާ އަބްދުލް ހާލިމް އަބްދުލް ހާމިދު ވިދާޅުވެފައި ވަނީ އާންމުކޮށް ފިލްމުތަކުގައި ދައްކުވައިދޭ "ސެކްޝުއަލް ކޮންޓެންޓަށް" ވުރެ ވެސް މި ފިލްމުގެ މަންޒަރުތައް ގޯސް ކަމަށާއި އެހެންކަމުން މިއީ އާންމުން ބަލަން ކަމުދާ ފެންވަރުގެ އާދައިގެ ފިލްމެއް ކަމަށް ނިންމެން ނެތް ކަމަށެވެ.

މި ފިލްމަކީ މަޝްހޫރު އިރޯޓިކް ރޮމޭންޓިކް ވާހަކަ ސިލްސިލާ "ފިފްޓީ ޝޭޑްސް" ގެ ފުރަތަމަ ވާހަކައިގެ އަސްލަށް އުފައްދާފައިވާ ފިލްމެކެވެ. މީގެ ވާހަކަ އަކީ އިރޯޓިކް ވާހަކަތަކަށް ބަލާއިރު ބާޒާރުގައި އެތައް ރިކޯޑެއް މުގުރާލާފައިވާ ވާހަކަ އެކެވެ.

ވާހަކަ އާއި ފިލްމަށް ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވެފައިވާއިރު މި ފިލްމާ ދެކޮޅަށް އެމެރިކާގައި ވެސް ބައެއް ފަރާތްތަކުން ދަނީ މުޒާހަރާކުރަމުންނެވެ. ބައެއް މީހުން ބުނަނީ މިއީ އަންހެނުންނާ ދެކޮޅު އަނިޔާ އަށް ވެސް ހިތްވަރު ދޭ ފިލްމެއް ކަމަށެވެ.

ކިތަންމެ ފާޑުކިޔުންތަކެއް އަމާޒުވެފައިވީ ނަމަވެސް، ޔުނިވާސަލް ޕިކްޗާސް އިން ވަނީ މި ސިލްސިލާގެ އިތުރު ދެ ފިލްމު އަންނާނެ ކަމުގެ ޚަބަރު ވެސް މިހާރު ދީފަ އެވެ.