ބޭރު ކުޅިވަރު

ޗެލްސީ އިން ޓެރީ ދޫކޮށެއް ނުލި!

May 18, 2016

ޖޯން ޓެރީ ކުރިއަށް އޮތް ސީޒަނުގައި ޗެލްސީގެ ޖޯޒީގައި ނުފެންނާނެ ކަމަށް ބެލެވިފައި އޮތް ނަމަވެސް އުމުރުން 35 އަހަރުގެ މި ކުޅުންތެރިޔާ ދޫކޮށްލަން ޗެލްސީ ބޭނުމެއް ނުވި އެވެ. ޗެލްސީ އިން މި ވަނީ ޓެރީއާ އެކު އިތުރު އެއް އަހަރަށް ކޮންޓްރެކްޓް ހަދައިފަ އެވެ.

އިންގްލެންޑްގެ ކުރީގެ ކެޕްޓަން އަދި 2004 ވަނަ އަހަރުން ފެށިގެން ޗެލްސީގައި ކެޕްޓަންކަން ކުރަމުން އަންނަ ޓެރީ އަށް އިތުރު އެއް އަހަރުގެ ކޮންޓްރެކްޓެއް ދީފައި ވަނީ ޗެލްސީގެ އާ ކޯޗު، އެންޓޯނިއޯ ކޮންޓޭ ވެސް އެ ގޮތް ބޭނުންވެގެންނެވެ. ޓެރީ ބުނެފައި ވަނީ އާ ކޯޗު ޓީމާ ހަވާލުވުމުން އޭނާގެ އިރުޝާދާ އެކު ކާމިޔާބު ހޯދުމަށް ކެތްމަދުވެފައިވާ ކަމަށެވެ.

"އާ މެނޭޖަރާ އެކު އަންނަ ސީޒަނަށް އިންތިޒާރުކުރަމުން މި ދަނީ. އުއްމީދުކުރަނީ ކާމިޔާބު ސީޒަނަކަށް ވާނެ ކަމަށް،" ޗެލްސީގެ ރަސްމީ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ އިންޓަވިއުއެއްގައި ޓެރީ ބުނެފައިވެ އެވެ.

ޖޯން ޓެރީ އަކީ ޗެލްސީގެ އެންމެ ކާމިޔާބު ކެޕްޓަނެވެ. އޭނާގެ ކެޕްޓަންކަމުގައި ޗެލްސީން ހަތަރު ޕްރިމިއަ ލީގު ތަށި އުފުލާލާފައިވާއިރު ހަތަރު އެފްއޭ ކަޕާއި ޔޫއެފާ ޗެމްޕިއަންސްލީގު ވެސް ކާމިޔާބުކޮށްފައިވެ އެވެ.

އާ ކޮންޓްރެކްޓާ އެކު ޓެރީގެ ފުޓްބޯޅަ ކެރިއަރުގައި ޗެލްސީއާ އެކު ހޭދަކުރާ އަހަރު 22 އަށް އަރާނެ އެވެ. އުމުރުން 14 އަހަރުގައި ޗެލްސީ އަށް ސޮއިކުރި ގޮތަށް މިހާތަނަށް 703 މެޗު ކުޅެދީފައިވެ އެވެ. މި މެޗުތަކުގައި 40 އަށް ވުރެ ގިނަ ގޯލު ޖަހައިދީފައިވާއިރު އޭނާ އަކީ ގޯލާ އެންމެ ރައްޓެހި ސެންޓަ ބެކުންގެ ތެރެއިން ފާހަގަކޮށްލެވޭ މަޝްހޫރު މޫނެކެވެ.

ޗެލްސީއާ އެކު އިތުރު ސީޒަނަކަށް މަޑުކުރަން ޓެރީ ސޮއިކޮށްފައިވާއިރު އަންނަ އަހަރުގެ ސީޒަނުގައި ޗެލްސީ އިން ނުފެންނާނެކަން ޓެރީ މި އަހަރުގެ ފެބްރުއަރީ މަހު އިއުލާނުކޮށްފައިވެ އެވެ.