ދުނިޔެ

އައިއެސްއާ ދެކޮޅަށް އޭކަން އިރާގުގައި ޝޯއެއް ދެނީ

ދީނީ ގޮތުން ހައްދުފަހަނަޅައި ގޮސްފައިވާ ޓެރަރިސްޓް ޖަމާއަތް އިސްލާމިކް ސްޓޭޓް (އައިއެސް) އާ ދެކޮޅަށް ހަނގުރާމަކުރަމުން އަންނަ އިރާގުގެ ކުރުދީންގެ އާއިލާތަކަށް އެހީ ހޯދުމަށް ބާއްވާ ޗެރިޓީ ޝޯއެއްގައި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އޭކަން ޕާފޯމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

އޭކަންގެ މި ޝޯ އޮންނާނީ އަންނަ މާޗް މަހު އިރާގުގެ އަރްބިލްގަ އެވެ. މިދިޔަ ބުރާސްފަތި ދުވަހު އާންމުކުރި ވީޑިއޯ މެސެޖެއްގައި އޭކަން ބުނެފައި ވަނީ އެފަދަ ތާރީޚީ ސިޓީއެއްގައި ޕާފޯމްކުރުމުގެ ޝަރަފުލިބޭތީ ވަރަށް ބޮޑަށް އުފާވެފައި ހުރި ކަމަށެވެ.

އޭކަން ވެގެންދާނީ އަރްބިލްގައި މިގޮތަށް ޝޯއެއް ދޭ އެމެރިކާގެ މި ފެންވަރުގެ ފުރަތަމަ ލަވަކިޔުންތެރިޔާ އަށެވެ.

އައިއެސްއާ ދެކޮޅު ހަނގުރާމާގައި އިރާގުގެ ކުރުދީންނަކީ މުހިންމު ރޯލެއް ކުޅެމުން އަންނަ ބައެކެވެ. އިރާގުގައި ވަކި ވެރިކަމެއް ކުރަމުން އަންނަ ކުރުދީންގެ ބާރުގެ ދަށުގައި އޮންނަ ކުރުދިސްތާނުގެ ވެރިރަށަކީ އަރްބިލް އެވެ.

އައިއެސްއާ ދެކޮޅު ކެމްޕޭނަކަށް އެއްބާރުލުން ދިނުމަށް އޭކަން އަރްބިލްގައި ޕާޕޯމްކުރަން ހަމަޖެހިފައިވާއިރު އޭނާ މިފަހުން ރާއްޖޭގައި ނިކަން ފޯރިގަދަ ޝޯއެއް ދީފައިވެ އެވެ. އެ ޝޯއަކީ ދީނީ ގޮތުން ދިވެހިންގެ މެދުގައި ވަރަށް ބޮޑަށް ހިޔާލުތަފާތުވެ އޭކަން އަށް އަމާޒުކޮށް ގިނަ ފާޑުކިޔުންތަކެއް ވެސް އަމާޒުވި ޝޯ އެކެވެ.