ރިޕޯޓް

ރާއްޖެއާއި ލަންކާ ގަދަ ވިއްސާރަ ވިލާގަނޑެއް ދަށުގައި!

  • ރާއްޖެއަށް ކުރަނީ ލަންކާއަށް ކުރާ ވިއްސާރައިގެ އަސަރު
  • ވިއްސާރަ އަލިވާނެ ކަމަށް ބެލެވެނީ ތިން ދުވަސް ފަހުން
  • ބައެއް ރަށްރަށް ފެނަށްވެ، ބޮޑެތި ގެއްލުންތައް ވަނީ ލިބިފައި

މޫސުން ގޯސްވެ މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ރާއްޖޭގެ ބައެއް ރަށްރަށަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި ބައެއް ރަށްރަށަށް ބޮޑެތި ގެއްލުން ލިބި އާންމު ދިރިއުޅުމަށް ވަނީ ބުރޫއަރާފަ އެވެ. ބައެއް ރަށްރަށުގެ އާންމު ދިރިއުޅުން ގާތްގަނޑަކަށް ވަނީ "ހުއްޓުމަކަށް" އައިސްފަ އެވެ. އަނެއްކޮޅުން އަވަށްޓެރި ސްރީލަންކާއަށް ވެސް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި ބައެއް މީހުން މަރުވެ 200 އަށްވުރެ މީހުން ގެއްލިފައިވާއިރު ބޮޑެތި ރެސްކިއު އޮޕަރޭޝަންތައް ވަނީ ފަށާފައެވެ.

ރާއްޖޭގެ މޫސުމާބެހޭ އިދާރާގެ ޑިރެކްޓާ މީޓީއޮރޮލޮޖީ، އަހުމަދު ރަޝީދު މިއަދު ވިދާޅުވި ގޮތުގައި އަވަށްޓެރި ސްރީލަންކާއަށް ކުރާ ގަަދަ ވިއްސާރައިގެ ވިލާގަނޑު ފުރަތަމަ އުފެދުނީ ރާއްޖޭގެ އިރުމަތިން މި މަހު ނުވައެއް ހިސާބުގަ އެވެ. އެ ވިއްސާރަ ވިލާތައް މަޑުމަޑުން އުތުރަށް ޖެހެމުން ގޮސް މިހާރު ސްރީ ލަންކާ މަތިންގޮސް އިންޑިޔާގެ މަތިން އުތުރަށް ބޭ އޮފް ބެންގާލްއަށް ދަތުރު ކުރުމަށްފަހު އިތުރަށް ބާރުގަދަވެ ސައިކްލޯން އަކަށް ބަދަލު ވާނެ ކަމަށް ލަފާ ވެއެވެ.

-- މިއީ ރާއްޖޭގެ އާންމު ދެ މޫސުމުގެ ތެރެއިން ހުޅަނގު މޫސުމުގެ ކެތި ނަކަތެވެ. މި ނަކަތަކީ އާންމު ގަދަ ވިއްސާރަކޮށް އުދަ އަރުވާ މޫސުމެކެވެ. މިއަދަކީ ކެތި ނަކަތުގެ ފަހު ދުވަހެވެ. މާދަމާ ފަށާނީ ރޯނު ނަކަތެވެ. ރޯނު ނަކަތު ވިއްސާރައަކީ މަޝްހޫރު ވިއްސާރައެކެވެ.

"އެ ވިލާގަނޑު މިހާރު ލަންކާއަށް ވުރެ އުތުރަށް ދަތުރުކޮށްފައިވީ ނަމަވެސް އެއާ ގުޅިގެން ވަރަށް ބޮޑު ސަރަހައްދަކަށް އޭގެ އަސަރު ކުރަމުންދާނެ. އެގޮތުން މި ދުވަސަވަރު ރާއްޖެއަށް ވެސް މޫސުން ގޯސްވެގެން މިއުޅެނީ. ނަމަވެސް އެ ވިލާތައް ދުރަށް ދާވަރަކަށް އޭގެ ބާރު ކެނޑި މޫސުން ރަނގަޅަމުން އަންނާނެ ކުރިޔަށް އޮތް ދެދުވަހެއް ތެރޭގައި ރާއްޖެއަށް މޫސުން ރަނގަޅުވާނެ ކަމަށް ލަފާ ކުރެވޭ،" އަހުމަދު ރަޝީދު ވިދާޅުވި އެވެ.

ކުރިޔަށް އޮތް 24 ގަޑި އިރު ތެރޭގައި ވެސް ރާއްޖެއަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ފޯކާސްޓްތަކުން ދައްކަ އެވެ.

ރާއްޖޭގެ ބައެއް ރަށްރަށް ފެނަށްވެ، ބޮޑެތި ގެއްލުން

ލަންކާއަށް ކުރާ ގަދަ ވިއްސާރައިގެ އަސަރު ރާއްޖެއަށް ފޯރުމުގެ ސަބަބުން ރާއްޖެއިން އެންމެ ބޮޑު ގެއްލުންތަކެއް ކުރިމަތިވެފައި ވަނީ ތ. އަތޮޅުގެ ބައެއް ރަށްރަށަށެވެ. އެ އަތޮޅުގެ ބައެއް ރަށްރަށުގައި ރެއިން ފެށިގެން ފެންބޮޑުވެ ގޯތި ގެދޮރަށާއި މުދަލަށް ގެއްލުންތައް ލިބިފައިވާއިރު އެ ގެއްލުންތައް ކުޑަކުރަން ފުލުހުންނާއި އާންމުން ދަނީ މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ވިއްސާރައިގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުން ވެފައެއް ނުވެއެވެ.

ތ. އަތޮޅުގެ ބައެއް ރަށްރަށަށް ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި ބައެއް ރަށްރަށުގައި ފެން ބޮޑުވެފައިވާއިރު ފެން ހިއްކުމާއި ގޯތި ގެދޮރަށް ފެން ވަނުން ހުއްޓުވަން މަސައްކަތް ވެސް ވަނީ ފަށާފަ އެވެ.

މި ވިއްސާރާގައި ތ. ހިރިލަންދޫއަކީ އެންމެ ބޮޑަށް ފެންބޮޑުވެ ގޭގޭގައި ހިފާގެންގުޅޭ އެއްޗެއްސަށް ގެއްލުން ލިބުނު ރަށެވެ. ފެން ބޮޑުވެފައިވުމުގެ ސަބަބުން ހިރިލަންދޫގައި އާންމު ކަރަންޓް ދިނުމަކީ ރައްކާތެރި ކަމަކަށް ނުވެދާނެތީ މިއަދު ވަނީ ބައެއް ވަގުތުތަކުގައި އެރަށުން ކަރަންޓްގެ ހިދުމަތް ވެސް ކަނޑާފަ އެވެ. ހިރިލަންދޫ ބައެއް ސަރަޙައްދު ތަކުގައި ދެ ފޫޓާއި ތި ފޫޓަށް ވަނީ ފެން ބޮޑުވެފަ އެވެ. ބައެއް އެހެން ރަށްރަށުގައި ވެސް އެ މިންވަރަށް ފެން ބޮޑުވި އެވެ.

ހިރިލަންދޫ "ފެނުގެ ތެރެއަށް" ގޮސްފައިވާއިރު އެ އަތޮޅު ވޭމަންޑޫ ވެސް ވަނީ ގަދަ ވަޔާއި ބޯ ވާރޭގައި ޖެހިފައެވެ. ވޭމަންޑޫއަށް މިއަދު ހެނދުނު ވަނީ ނަގޫ ރޯޅިއެއް އަރައި ބޮޑެތި ބަނބުކެޔޮ ގަސްތަކާއި ރުއްގަސް ވަޔާ އުކާލާފައިވާއިރު އެގަސްތަައް ވެއްޓި ތިން ގެއެއްގެ ފާރު ވެއްޓުނެވެ. އަދި ވާރޭގައި އެ ރަށުގެ ހޮސްޕިޓަލުގައި ފެން ބޮޑުވެ ދައްޗާ ކުރިމަތިވި އެވެ.

ތ. ވަންދޫ އާއި އޮމަދޫގައި ވެސް ފެންބޮޑުވުމުގެ ސަބަބުން ގޯތި ގެދޮރަށާއި އާންމު ގޭގޭގައި އާއި ދިރިއުޅުމުގެ އެހެން ބޭނުންތަކަށް ގެންގުޅޭ ބައެއް ތަކެއްޗާއި ސާމާނަށް ގެއްލުން ލިބިފައިވާއިރު ހެޔޮވަރު އާބާދީ އޮތް ތިމަރަފުއްޓާއި މަޑި ފުށީގައި ވެސް ވަނީ ފެން ބޮޑުވެ ކޯރު ދެމިފަ އެވެ.

އެ ހުރިހާ ރަށެއްގެ ހާލަތު އާންމު ހާލަތަކަށްގެނައުމަށާއި ގެއްލުންތައް ކުޑަކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމުގެ މަސައްކަތް އެ އަތޮޅުގައި ގާއިމުވެ ތިބި ފުލުހުން އަންނަނީ ކުރަމުންނެވެ. ތ. އަތޮޅު "ވާރެއަށް" ވެފައިވާއިރު ދެކުނުން ޖެހިގެން އޮތް ލ. އަތޮޅަށް ވެސް ދަނީ ގަދަ ވަޔާކު ވިއްސާރަ ކުރަމުންނެވެ. ވިއްސާރާގައި ބައެއް ރަށްރަށުގެ ގޭގެއަށް ފެންވަދެ ގެއްލުންތައް ލިބިފައިވާއިރު ފުލުހުންނާއި ސިފައިންނާއި އާއްމުން ގުޅިގެން ރަށްރަށުގައި ވެސް ފެން ބޮޑުވިޔަ ނުދާން ވަނީ ތައްޔާރީ ހާލަތަކަށް އައިސްފަ އެވެ.

އެންމެ ބޮޑަށް ފެން ބޮޑުވެފައިވާ އެއް ރަށަކީ ބޮޑު އާބާދީއެއް އޮތް ވެރިރަށް ފޮނަދޫ އެވެ. މީގެ އިތުރުން މާވަށާއި މާމެންދޫ އާއި ގަމުގެ ގޭގެއަށް ވެސް ވަނީ ފެން ގަނޑު ދެމިގެންފަ އެވެ.

ޑިޒާސްޓާ މެނޭޖްމެންޓް ސެންޓަރުގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވި ގޮތުގައި މާލެ އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ވާރޭ ވެހެމުންދެ އެވެ. އަދި އެ ދެމެދުގައިވާ އަތޮޅުތަކުގެ ބައެއް ރަށްރަށަށް ބޯކޮށް ވާރޭވެހެމުންދާނެ އެވެ. އަދި ބޯ ވާރޭގެ ސަބަބުން ތ. އަތޮޅުގެ ތިން ރަށަކަށް ވަރަށް ބޮޑަށް ގެއްލުންވެފައިވެ އެވެ.

"މި ގެއްލުންތައް ކުޑަ ކުރުމަށް ޑިޒާސްޓާއިން މިދަނީ މަސައްކަތް ކުރަމުން، އެގޮތުން އެމްއެންޑީއޭފުގެ ހަތަރު އޭރިއާއަކަށް [ވެލި ބަސްތާ ޖަހަން] 3000 ގޯނި ހަވާލުކޮށް، ޕަންޕް ބޭނުންވާ ރަށްރަށަށް ޕަންޕް ވެސް ފޮނުވާފައި ދީފައިވާނެ،" އެ އޮފިޝަލު ވިދާޅުވި އެވެ. "ފެން ބޮޑުވި ރަށްރަށުގައި ފެން ގަނޑު ހިނދުމުން އެ ރަށްރަށުގެ ކައުންސިލާ ގުޅިގެން ގެއްލުންތަކުގެ އެސެސްމެންޓެއް ހަދާނެ،"

މޫސުން ގޯސްވެ ގަދަ ވަޔާއެކު ބޯކޮށް ވާރޭވެހި، އުދަ އެރުން ފަދަ ހާދިސާތައް ދިމާވަމުންދާއިރު ހުރި ގޮތަކުން މޫސުމަށް ބަލައި ރައްކާތެރިވުމަށް ޑިޒާސްޓާމެނޭޖްމެންޓުން ވަނީ އިލްތިމާސްކޮށްފަ އެވެ. މި އިލްތިމާސް ފުލުހުންނާއި ސިފައިންނާއި އަދި މޫސުމާބެހޭ އިދާރާއިން ވެސް ވަނީ ތަކުރާރުކޮށްފަ އެވެ.

ވެރިރަށް މާލެ އަށް ވެސް އިއްޔެ ވަނީ އުދަ އަރާފަ އެވެ. އެ އުދާގައި ގިނަ ބަޔަކު އަބަދު ޖަމާވާ ރަސްފަންނަށް ވަނީ ގެއްލުންތައް ވެސް ލިބިފަ އެވެ. އަދި ކަނޑުމަތީގެ ބައެއް ހާދިސާތައް ވެސް ވަނީ ކުރިމަތިވެފައެވެ. މޫސުމުގެ ފޯކާސްޓްތައް ދައްކާ ގޮތުން އަދިވެސް ގަދަ ވިއްސާރައާއެކު އުދަ އެރުމަކީ އެކަށީގެންވާ ކަމެކެވެ. ހާއްސަކޮށް މެދު އަތޮޅުތަކުން ފެށިގެން ގއ. އާއި ގދ. ރަށްރަށަށް ބޯކޮށް ވާރޭ ވެހި ވައި ގަދަވާނެ އެވެ.

ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން

• ގެއަށް ފެން ނުވަންނާނެ ގޮތަށް ވެލިބަސްތާ ޖެއްސުން
• ހިފާ ގެންގުޅޭ ތަކެތި އަދި އިލެކްޓްރޯނިކް ތަކެތި ރައްކާތެރި ތަނެއްގައި ބެހެއްޓުން
• ކޮޅިގަނޑުގެ ގަދަ ވަޔަށް ސަމާލުވެ، އިމާރާތްތަކާ ގެދޮރާއި ފުރާޅު ފަދަ ތަންތަނުގެ ރައްކާތެރިކަން ޔަގީން ކުރުން
• ކޮޅިގަނޑުގައި ރައްކާތެރި އިމާރާތެއްގެ ތެރޭގައި ތިބުން
• ކޮޅިގަނޑުގައި ޖެހޭ ވައިގެ ސަބަބުން އެއްލާލަފާނެ ތަކެތި ރަނގަޅަށް ހައްޔަރު ކޮށްފައި ބެހެއްޓުން
• ކަނޑު ދަތުރުފަތުރު ކުރުވުމުގައި ސަމާލުވުން
• މޫސުމާ ގުޅޭ ގޮތުން ޚަބަރު ފަތުރާ ވަސީލަތްތައް މެދުވެރިކޮށް މައުލޫމާތު ހޯދުން

ރާއްޖޭގެ މޫސުން ބަނަވެފައިވާއިރު ސްރީލަންކާއަށް ކުރަމުންދާ ވިއްސާރަައިގެ ސަބަބުން އެ ގައުމުގެ ބައެއް ސަރަހައްދުތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހި އެ ސަރަހައްދުތަކުގައި ފެންބޮޑުވެ 200 އަށްވުރެ ގިނަ އާއިލާ މިހާރު ވެސް ވަނީ ގެއްލިފަ އެވެ. އެ އާއިލާތައް ގެއްލިފައިވާ ކަމަށް ބެލެވެނީ އަރުނަޔާކީ ސަރަހައްދުންނެވެ. ވިއްސާރަވުމުގެ ސަބަބުން ބިން ގަނޑު ކަނޑައިގެން ދިއުމުގެ މައްސަލައާ ވެސް އެ ސަރަހައްދަށް ވަނީ ކުރިމަތިވެފަ އެވެ.

އެއަވަށުގެ ބިން ގަނޑު ކަނޑައިގެން ގޮސްފައިވަނީ ތިން ދުވަސް ވަންދެން މެދުނުކެނޑި ވާރެ ވެހުމަށްފަހު ރޭގަ އެވެ. މީގެ އިތުރުން ތިން އަވަށެއް ވަޅުލެވިފައިވާ ކަމަށް ބެލެވޭ ކަމަށް ރިޕޯޓުތައް ބުނެ އެވެ. ރެޑް ކްރޮސް އޮފިޝަލުން ބުނީ މިހާތަނަށް 220 އާއިލާ ގެއްލިފައިވާ ކަން ޔަގީންވި ނަމަވެސް މީހުންގެ އަދަދު ކަށަވަރު ނުވާ ކަމަށެވެ.

ގާގަނޑަކަށް 300 އަށްވުރެ ގިނަ ސިފައިން މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު މިހާތަނަށް ފެނިފައިވަނީ މަރުވެފައިވާ 17 މީހެއްގެ ހަށިގަނޑެވެ. ނަމަވެސް މިހާތަނަށް 30 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. މިދިޔަ ތިން ދުވަހުގެ ތެރޭގައި ލަންކާއަށް 100 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށް ރެޑްކްރެސެންޓާ ހަވާލާދީ ރިޕޯޓުތައް ބުނެ އެވެ.