ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރަ އާ ގުޅިގެން ފޭސްބުކްގެ ސޭފްޓީ ޗެކް އެކްޓިވޭޓްކޮށްފި އެވެ. އެގޮތުން ލަންކާގައި ދިރިއުޅޭ ފަރާތްތަކުގެ ހާލަތު ފޭސްބުކްއިން ބަލާލުމުގެ ފުރުސަތު މިހާރު ހުޅުވިފައި އޮނާނެ އެވެ.
މިފީޗާ އެކްޓިވޭޓުކުރުމާ އެއްކޮށް ގިނަ ބަޔަކު ދަނީ މި ފީޗާ މެދުވެރިކޮށް ޗެކްއިން ވަމުންނެވެ. އެގޮތުން ސްރީ ލަންގާގައި ދިރިއުޅޭ ގިނަ އަދަދެއްގެ ދިވެހިން ވެސް ދަނީ ހާލު ރަނަގަޅުކަމަށް ބުނެ ޗެކް ވަމުންނެވެ. މި ފީޗާ އެކްޓިވޭޓްކޮއްފައިިވަނީ މިއަދުގެ ހަވީރުގެ ވަގުތެއްގަ އެވެ.
މި ފީޗާއަކީ ހިނގާ ކާރިސާއެއް ނުވަތަ ލިބޭ ހަމަލާއަކުން އެ ހަމަލާ ނުވަތަ ކާރިސާ ދިމާވި ސަރަހައްދުގައި ތިބި ފަރާތްތަކުގެ ހާލު ބަލައިލާ އެމީހުންގެ ހާލު އެހެން މީހުންނާ ހިއްސާކޮށްލުމުގެ ގޮތުން ފޭސްބުކުން ތައާރަފް ކޮށްފައިވާ ފީޗާއެކެވެ. މީގެ ކުރިން ވެސް ހިނގާފައިވާ ބޮޑެތި ކާރިސާތަކުގައި މި ފީޗާ ވަނީ ފޭސްބުކްއިން އެކްޓިވޭޓްކޮށްފަ އެވެ.
އަވައްޓެރި ސްރީލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ސަބަބުން އެ ގައުމުގެ ބައެއް ސަރަހައްދުތަކަށް ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހި އެ ސަރަހައްދުތަކުގައި ފެންބޮޑުވެ 200 އަށްވުރެ ގިނަ އާއިލާ ވަނީ ގެއްލިފައެވެ. އަދި ގިނަބަޔަކު ވަނީ ހާލުގަޖެހިފައެވެ. މިއީ 2010 ވަނަ އަހަރުގެ ފަހުން ލަންކާއަށް މިހާ ބޮޑު ވިއްސާރައެއް ކުރާ ފުރަތަމަ ފަހަރެވެ. މި ވިއްސާރައިގެ އަސަރު ރާއްޖޭގެ ބޮޑު ސަރަހައްދަކަށް ވެސް ދަނީ ކުރަމުންނެވެ.