އުރީދޫ ދިވެހި ޕްރެމިއާ ލީގުގައި އިއްޔެ ހަވީރު ޓީސީ އާއި ޔުނައިޓެޑް ވިކްޓަރީ 1-1އިން އެއްވަރުވި މެޗަކީ ޕެނަލްޓީގެ މެޗެކެވެ. ދެ ޓީމުން ވެސް ލަނޑު ޖެހީ ޕެނަލްޓީންނެވެ. މެޗު ފެށީ ވެސް އަލީ ފާސިރު (ސެންޓޭ) އަށް ޕެނަލްޓީ އޭރިޔާ ތެރެއިން ޔުނައިޓެޑް ވިކްޓަރީގެ ސީރިއާ ކީޕަރު ކުރި ފައުލާ ގުޅިގެން ދިން ޕެނަލްޓީންނެވެ. އޭގެ ފަހުން ޔުނައިޓެޑް ވިކްޓަރީ އެއްވަރުކުރީ ޓީސީގެ އަހުމަދު އަބުދުﷲ (ލިލީ) އަތުގައި ޖެހި ބޯޅައިން ލިބުނު ޕެނަލްޓީންނެވެ.
ނަމަވެސް ދޭތެރެ ދޭތެރެއިން ބޯވާރޭގަ އާއި ގަދަ ވައިގެ ތެރޭގައި ކުޅުނު މެޗުގައި ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ރަތަށް އެރީ ޕެނަލްޓީ އެއްގެ މައްސަލާގަ އެވެ. ދެ ޓީމު އެއްވަރުވެގެން މެޗު ނިމެން ދަނިކޮށް ސެންޓޭ އޭރިޔާ ތެރެއަށް ވަންތަނުންް ޔުނައިޓެޑް ވިކްޓަރީ ކުޅުންތެރިން އޭނާ ބިމާހަމަކޮށްލި އެވެ. ނަމަވެސް ރެފްރީ އިސްމާއީލް އިޒްހާން މިފަހަރު ނިންމީ ޕްލޭ އޮން ކަމަށެވެ. ކުޅުން ކުރިއަށް ގެންދާށެވެ.
ބޯކޮށް ވެހެމުންދިޔަ ވާރެއިން ސަލާމަތްވާން ބެންޗުގެ ހިޔާގަނޑުގައި ހުރެފައި ނިޒާމްބެ ޓަޗް ލައިނަށް ނުކުމެ ދެ މިނިޓެއްހާއިރު ރެފްރީ އަށް ބެވި އެވެ.
"ކޮންޓެކްޓް ވެއްޖިއްޔާ އެވާނީ ކޮންޓެކްޓްވީ ކަމަށް. އެކަމަކު ރެފްރީ ކުޅުންތެރިން ކައިރީގައި ބުނެފައި ހުރީ އޭނާ (ސެންޓޭ) ޕެނަލްޓީ އޭރިޔާ ތެރެއަށް ވެއްޓުނު ސްޓައިލް ކަމުނުދިޔައީއޭ. އެކަމަކު މިއީ ސްޓައިލަށް ބަލަންޖެހޭ ކަމެއްނޫން. އަޅުގަނޑު ބުނާނީ ދެ ވަނަ ޕެނަލްޓީއެއް ދޭން ޖެހިލުންވީމަ ރެފްރީ ނުދިނީއޭ،" ނިޒާމްބެ ބުންޏެވެ.
އޭގެ ކުރިން މެޗުގައި ނުތަނަވަސްކަން އޭނާ ރަނގަޅަށް ފިލުވާވެސްލި އެވެ.
"ހަގީގަގަތުގައި މެޗު އޮފިޝަލުން އެބަޖެހޭ މިއަށްވުރެ ރަނގަޅުވާން. މިކަން ގަބޫލެއް ނުކުރެވޭ. އަދި ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުންކުރިއަށް އެނިމުނީކީއެއްނޫން. މިއަށްވުރެ ރަނގަޅަށް އެބަޖެހޭ އިންސާފުކުރަން. ރެފްރީ ބަލާކަށް ނުޖެހޭނެ ކުޅުންތެރިޔާ ވެއްޓުނު ސްޓައިލެއް. ފައުލްވާނީ ފައުލަށް،" ހުސްވި އަހަރުގެ ލީގުގެެ ދެ ވަނަ މަގާމު ޓީސީއަށް ހޯދައިދިން ކޯޗު ބުންޏެވެ.