ރާއްޖެ ކުޅިވަރު

ސްވިމިން އެސޯސިއޭޝަނުގެ ރައީސަކަށް ސައްތާރު، ނާއިބަކަށް އިސްމާއީލް

May 19, 2016

ސްވިމިން އެސޯސިއޭޝަނުގެ ރައީސް ކަމަށް އަނެއްކާ ވެސް މުހައްމަދު އަބުދުއްސައްތާރު އަދި ނާއިބް ރައީސް ކަމަށް ކުރިން ވެސް އެ މަގާމުގައި ހުންނެވި އިސްމާއީލް އަލީ ހޮވައިފި އެވެ.

ޒުވާނުންގެ މަރުކަޒުގައި ބޭއްވި އިންތިހާބީ ޖަލްސާގައި ރައީސް ކަމަށް ސައްތާރަށް 51 ވޯޓު ލިބުނެވެ. މި އިންތިހާބުގައި 73 ފަރާތަކަށް ވޯޓުދިނުމުގެ ފުރުސަތު ލިބިފައިވީ ނަމަވެސް އިންތިހާބުގައި ބައިވެރިވީ 57 ފަރާތަކުންނެވެ.

ނާއިބް ރައީސް ކަމުގައި ކުރީގެ ޖެނެރަލް ސެކްރެޓަރީ އިސްމާއީލް ދެ ވަނަ ދައުރެއްގައި ހުންނަން 50 ވޯޓު ލިބުނެވެ. އަދި ހަޒާންދާރަކަށް ހޮވުނީ އަލީ ޝަމީމެވެ.

މި އިންތިހާބުގައި ހޮވަންޖެހޭ އަދަދަށްވުރެ ގިނަ މީހުން ކުރިމަތިލާފައިވަނީ އިންޑިވިޖުއަލް މެމްބަރުންގެ ކެޓަގަރީ އަށެވެ. އިންޑިވިޖުއަލް މެމްބަރުންގެ ކެޓަގަރީ އަށް ހޮވަންޖެހޭ ތިން މަގާމަށް ހަތަރު ފަރާތަކުން ވާދަކުރި އެވެ. އެއީ އާދިލް ރަޝީދާއި ހައްސާން ސިރާރާއި މުހައްމަދު ސަމީރު އަދި ޔާމީން ފައިސަލް އިބްރާހީމެވެ. މީގެ ތެރެއިން އިންތިހާބުވީ ސަމީރާއި ސިރާރާއި ޔާމީނެވެ. ސަމީރަށް 56 ވޯޓު ލިބުނުއިރު ސިރާރަށް 55 ވޯޓު އަދި ފައިސަލަށް 36 ވޯޓު ލިބުނެވެ.

މި އިންތިހާބުގައި ފަސް ކުލަބަކަށް ވެސް ވޯޓުލުމުގެ ފުރުސަތު ލިބިފައިވެ އެވެ. އެއީ ރިއަލް ޓީ ސްޕޯޓްސް އާއި ޓީނޭޖް ބޯއީސް އާއި މޯލްޑިވްސް ލައިފްގާޑް އެސޯސިއޭޝަނާއި ނާޑް ސްޕޯޓްސް އަދި ނިއު ލެގޫންސް ސްވިމިން ކުލަބެވެ.