ލިވަޕޫލް 3-1އިން ބަލިކޮށް ޔޫރޮޕާ ލީގު ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ސްޕޭނުގެ ސެވިއްޔާ ކާމިޔާބުކޮށްފި އެވެ.
ރޭ ކުޅުނު ފައިނަލް މެޗުގެ ފުރަތަމަ ހާފުގައި ރަނގަޅަށް ކުޅެ ގޯލް ޖެހީ ލިވަޕޫލެވެ. ޑެނިއަލް ސްޓަރިޖް ޖެހި ލަނޑުން ފުރަތަމަ ހާފު ނިމުނު ނަމަވެސް ފަހު ހާފު ފަށައިގެން ކެވިން ގަމެއިރޯ ޖެހި ލަނޑުން ލިވަޕޫލަށް ސިހުންއައެވެ. އަދކި ކޯކޭ ގާތްގާތުގައި ޖެހި ދެ ލަނޑާއެކު ލިވަޕޫލްގެ ހުރިހާ އުއްމީދެއް ވިއްސިވިހާލިވި އެވެ.
މިއީ ލިވަޕޫލްގެ ކޯޗުކަމާ މީގެ އަށް މަސްކުރިން ހަވާލުވި ޔާގެން ކްލޮޕް ޖެހިޖެހިގެން ބަލިވި ފަސް ވަނަ ފައިނެލެވެ. އަދި މި ބައްޔާއެކު އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގު ކުޅެން ލިވަޕޫލް ކުރި އުއްމީދު ވެސް ވަނީ ފެނަށްވެފަ އެވެ.
މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ކްލޮޕް ބުނީ އޭނާގެ ޓީމު އަލުން ވަރުގަދަކޮށް އެނބުރި އަންނާނެ ކަމަށެވެ. މިޑްފީލްޑަރު އެމްރޭ ޗާން ބުނީ ދެ ވަނަ ހާފު ފެށުނީ ރަނގަޅަށް ނޫން ކަމަށާއި ބަލިވި މައިގަނޑު ސަބަބަކީ އެއީ ކަމަށެވެ.
ސެވިއްޔާގެ ކޯކޭ ބުނީ ފުރަތަމަ ހާފުގައި ރަނގަޅަށް ނުކުޅެވުނަސް ޓީމުގެ ކުޅުން ބަދަލުކޮށް، ސެވިއްޔާ ކުޅެގަތުމަށް ކޯޗު ހާފްޓައިމްގައި ވިސްނައިދިން ކަމަށެވެ. އަދި ޖެހިޖެހިގެން ތިން ފަހަރު މުބާރާތް ކާމިޔާބުކުރުމަކީ ވަރަށް ބޮޑު ކާމިޔާބީއެއް ކަމަށެވެ.