ކުޅިވަރު

އޮލިމްޕިކްސްގައި ސާޖިނާއަށް ރަނގަޅު ތަޖުރިބާއެއް

ޖަޕާނުގެ ޓޯކިޔޯގައި ކުރިއަށްދާ އޮލިމްޕިކްސް ގޭމްސް 2020 ގައި ރާއްޖޭގެ ފެތުންތެރިޔާ އައިޝަތު ސާޖިނާ ރަނގަޅު ތަޖުރިބާއެއް ހޯދައިފި އެވެ.

މިއީ ސާޖިނާ އޮލިމްޕިކްސްގައި ވާދަ ކުރި ފުރަތަމަ ފަހަރެވެ. ބްރެސްޓްސްޓްރޯކް އިވެންޓުގެ 100 މީޓަރު ފެތުމުގެ ހީޓު އެކެއްގައި ވާދަކޮށް ސާޖިނާ ރޭސް ނިންމީ ހަވަނައިގަ އެވެ. ޖުމްލަ ހަ ބައިވެރިން ވާދަކުރި މިރޭސް ސާޖިނާ ނިންމީ އެއް މިނެޓާއި 33.59 ސިކުންތުންނެވެ.

އޮލިމްޕިކްސްގައި ފުރަތަމަ ފަހަރަށް ވާދަކޮށް ހީޓުގެ އެންމެ ފުލުން ރޭސް ނިންމާލި ނަމަވެސް މިއީ ސާޖިނާއަށް ރަނގަޅު ތަޖުރިބާއަކަށް ވާނެ އެވެ.

ކުއްލި ގޮތަކަށް ލިބުނު މި ފުރުސަތުގައި ސާޖިނާ ވާދަކުރި އިރު، މިފަދަ ބޮޑު މުބާރާތަކަށް އެކަށީގެންވާ ވަރަށް އޭނާއަށް ތަމްރީނު ލިބިފައެއް ނުވެ އެވެ. ކޮވިޑް-19 ގެ ހާލަތާއި އެކު މެލޭޝިއާވެސް ލޮކްޑައުން ކުރިއިރު، ފާއިތުވި ދެއަހަރު ދުވަހުގެ ތެރޭގައި ސާޖިނާއަށް އެކަށީގެންވާ ވަރަށް ފަރިތަ ނުކުރެވުނެވެ.

ސާޖިނާއަށް އޮލްޕިކްސްގައި ބައިވެރި ވުމުގެ ފުރުސަތު ލިބުނީ ދުނިޔޭގެ ފެތުމުގެ މައި ޖަމިއްޔާ، ފީނާ އިން ކަނޑައެޅި އުސޫލުތަކާއި ގުޅިގެންނެވެ. އޮލިމްޕިކް ސްކޮލަޝިޕްގެ ދަށުން ރާއްޖެއިން ބޭރުގައި މަތީ ތައުލީމާއެކު ތަމްރީނު ހެދުމުގެ ފުރުސަތު ލިބުމުން ސާޖިނާ މިހާރު އަންނަނީ މެލޭޝީއާގައި ތަމްރީނު ހާސިލު ކުރަމުންނެވެ.

ރާއްޖޭގެ އެންމެ މޮޅު ފެތުންތެރިޔާގެ މަގާމު ދެފަހަރަށް ހޯދާފައިވާ ސާޖިނާ ވަނީ 2016 ވަނަ އަހަރު އޮތް ސައުތު އޭޝިއަން އެކުއަޓިކް ޗެމްޕިއަންޝިޕް ގައި ވާދަކޮށް ދެ ރިހި މެޑައްޔާއި އެއް ލޯ މެޑަލް ކާމިޔާބު ކޮށްފަ އެވެ. މީގެ އިތުރުން 2019 ވަނަ އަހަރު އޮތް ސައުތު އޭޝިއަން ގޭމްސްގެ ގައުމީ ސްކޮޑުގައި ވެސް ސާޖިނާ ވަނީ ހިމެނިފަ އެވެ.

މިއީ ސާޖިނާ އޮލިމްޕިކްސްގައި ވާދަ ކުރި ފުރަތަމަ ފަހަރު ކަމަށް ވައިރު، އޭނާގެ ދައްތަ ސަޖަން ވަނީ މީގެ ކުރިން ދެ ފަހަރެއްގައި އޮލިމްޕިކްސްގައި ވާދަ ކޮށްފަ އެވެ. އެގޮތުން ލަންޑަން އޮލިމްޕިކްސް 2012 އާއި ރިއޯ އޮލިމްޕިކްސް 2016 ގައި ސަޖަން ވަނީ ރާއްޖެ ތަމްސީލު ކޮށްފަ އެވެ.