އެޑެން ހަޒާޑް

ހަޒާޑްއަށް ދޭނެ ނަންބަރެއް ރެއާލްގައި ނެތް

ޗެލްސީގެ ފޯވަޑް އެޑެން ހަޒާޑް ރެއާލް މެޑްްރިޑަށް ބަދަލުވުމާމެދު ވަކިގޮތަކަށް ނިމިގެންދާން އޮތީ އެންމެ ފަހުގެ މަރުހަލާ އެވެ. އިނގިރޭސި މިޑީއާތަކުން ރިޕޯޓް ކުރާ ގޮތުގައި، ޗެލްސީއަށް 100 މިލިއަން ޔޫރޯ އާއި އިތުރު ބޯނަސްތައްވެސް ދޭން ރެއާލް މެޑްރިޑުން މިހާރު ވަނީ އެއްބަސް ވެފަ އެވެ.

ރެއާލްގެ ކުޅުންތެރިޔެއްގެ ގޮތުގައި ހަޒާޑް ތައާރަފު ކޮށްދިނުމުގެ ހަފުލާއަށްވެސް މެޑްރިޑްގެ ކުލަބުން ދަނީ ތައްޔާރު ވަމުންނެވެ. އެހެންނަމަވެސް އެހެން މައްސަލައެއް އެބަ ދިމާވެ އެވެ. ހަޒާޑަށް ދޭނެ ނަންބަރަކާ މެދުގައި އުފެދިފައި އޮތް ސުވާލެވެ. ޗެލްސީ އާއި ބެލްޖިއަމްގެ ގައުމީ ޓީމުގައި ހަޒާޑްގެ ރަސްމީ ނަންބަރަކީ 10 އެކެވެ.

ރެއާލުގައި އެ ނަންބަރު ބޭނުން ކުރަނީ، މިޑްފީލްޑާ ލުކަ މޮޑްރިޗެވެ. ރެއާލްގައި އޮންނަ އުސޫލަކީ ޓީމުގެ ކީ ކުޅުންތެރިޔަކު ބޭނުން ކުރަމުންދާ ނަންބަރެއް އެ ކުޅުންތެރިޔެއްގެ އަތުން ނުނެގުމެވެ. މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯ ރެއާލް މެޑްރިޑަށް 2009 ވަނަ އަހަރު ބަދަލުވެ، އޭނާ ހަތް ނަންބަރު ބޭނުންވި ނަމަވެސް ރެއާލުން އެ ނަންބަރު އޭނާއަށް ނުދެ އެވެ. އެއީ އޭރު ހަތް ނަންބަރު ބޭނުން ކުރަމުން ދިޔައީ ރެއާލްގެ ލެޖެންޑް ރައުލް ގޮންޒާލޭޒް އެވެ. ރެއާލުން ރޮނާލްޑޯއަށް ދިނީ ނުވަ ނަންބަރެވެ. ރޮނާލްޑޯއަށް ހަތް ނަންބަރު ދިނީ ރައުލް ޓީމު ދޫކޮށްލުމުންނެވެ.

ޗެލްސީގައި ހަޒާޑް އެންމެ ފުރަތަމަ ބޭނުން ކުރީ، 17 ނަންބަރެވެ. އެ ނަންބަރު ރެއާލްގައި ބޭނުން ކުރަނީ، ލޫކަސް ވަޒްކުއޭޒް އެވެ. ރެއާލްގެ ސްކޮޑުން ހުސްކޮށް އިން ހަމައެކަނި ނަންބަރަކީ ނަންބަރު 16 އެވެ. އެއީ ރެއާލްގެ ތާރީހްގައިވެސް އެ ޓީމުގެ އެއްވެސް ތަރިޔަކާ ގުޅޭ ނަންބަރެއް ނޫނެވެ.

ދެން އޮތީ ޓީމުން ދޫކޮށްލާނެ ކުޅުންތެރިޔެއްގެ ނަންބަރު ޖަހައިގެން ހަޒާޑްގެ ޖޯޒީ ދައްކައި ލުމެވެ. އެހެންނަމަވެސް އެއްވެސް ކުޅުންތެރިޔަކު ޓީމު ދޫކޮށްނުލާތީ، އެއީ އެންމެ އެދެވޭ ގޮތް ކަމަށް ނުވާނެ އެވެ. އެހެންވެ އެއް ހިޔާލަކީ ވަކި ޖޯޒީ ނަންބަރެއް ނުދީ ހަޒާޑް ތައާރަފު ކުރުމުގެ ހަފުލާ ބޭއްވުމެވެ.