މިސްރު

އިޖިޕްޓް އެއާގެ ފްލައިޓެއް ގެއްލިއްޖެ!

May 19, 2016

އިޖިޕްޓް އެއާގެ ފްލައިޓެއް ރާޑަރަށް ގެއްލިފައިވާ ކަމަށް މިސުރުން ބުނެފި އެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުން މިސްރުގެ ވެރިރަށް ގާހިރާ އަށް ދަތުރުކުރި ފްލައިޓު އެމްއެސް804 ގެއްލިފައި ވަނީ މެޑިޓެރޭނިއަން ކަނޑުގެ މަތިން ކަމަށާއި ފްލައިޓުގައި މަދުވެގެން 59 ޕަސެންޖަރުންނާއި 10 ކްރޫ ހިމެނޭ ކަމަށް އިޖިޕްޓް އެއާ އިން ބުނެފައިވެ އެވެ. ފްލައިޓް ގެއްލިފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށްވެސް އެ ފަރާތްތަކުން ބުނެ އެވެ.

މި ފްލައިޓަކީ އެއާބަސް އޭ320 ގެ ފްލައިޓެކެވެ. މި ފްލައިޓާބެހޭ ގޮތުން މިވަގުތު އިތުރު މައުލޫމާތެއް ދެވެން ނެތް ކަމަށާއި ރަސްމީ ބަޔާނެއް ފަހުން ނެރޭނެ ކަމަށް އެއާބަސް ކުންފުނިން ޓްވީޓް ކޮށްފައިވެ އެވެ.

ފްލައިޓު އެމްއެސް804 ގެއްލިފައިވާ ކަމަށް ރިޕޯޓް ކުރުމާއި ގުޅިގެން އެއާލައިންގެ ޗެއާމަން އަހްމަދު އަބްދުލް ވިދާޅުވީ ފްލައިޓުން އެއްވެސް ޑިސްޓްރެސް ސިގްނަލެއް ފޮނުވާފައި ނުވާ ކަމަށެވެ.

މިސުރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓޯގެ ތަރުޖަމާނު އިހާބް ރަސްލާން ވިދާޅުވީ ފްލައިޓު މެޑިޓެރޭނިއަން ކަނޑަށް ވެއްޓިފައިވާ ކަމަށް ލަފާކުރެވޭ ކަމަށެވެ. ނަމަވެސް، މިހާދިސާ އާއި ބެހޭ އިތުުރު އެއްވެސް މައުލޫމާތެއް ހާމަކޮށްފައެއް ނުވެ އެވެ.

މި ފްލައިޓް ގެއްލުމުގައި ޓެރަރިސްޓު ޖަމާއަތެެއްގެ އަތެއްވާ ކަަމަށް ގިނަ ބަޔަކު މިހާރުވެސް ދަނީ ތުހުމަތު ކުރަމުންނެވެ. މިސުރުން އޮޕަރޭޓްކުރާ ގިނަ ފްލައިޓްތަކަށް ޓެރަަރިސްޓު ޖަމާއަތްތަކުގެ ނުރައްކާ އެބައޮތް ކަމަށް އެނަލިސްޓުން ވަނީ ބުނެފަ އެވެ.

އޭޕީ އިން ބުނާ ގޮތުގައި ފްލައިޓު ހޯދުމުގެ މަސައްކަތް މިސުރުގެ ކަމާއި ބެހޭ ފަރާތްތަކާއި ގްރީސްގެ ޓީމުތަކެއް ކުރިއަށް ގެންދާ ކަމަށެވެ.