މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން 12 އަށްވުރެ ގިނަ ރަށަށް ގެއްލުންވެ، 42 މީހަކު ހާލުގައި ޖެހިފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން މިއަދު ބުނެފި އެވެ.
ވިއްސާރައިގައި އެންމެ ބޮޑު ގެއްލުންވެފައި ވަނީ ތ. ތިމަރަފުށީގެ 15 އާއިލާއަކުން 42 މީހަކަށެވެ.
އެ ސެންޓަރުގެ މީޑިއާ ކޯޑިނޭޓަރު ހިސާން ހަސަން މިއަދު ވިދާޅުވީ، ތިމަރަފުއްޓާއެކު މިއަދުގެ ހެނދުނުގެ ނިޔަލަށް ވިއްސާރައިގެ ސަބަބުން ގެއްލުންވެގެން 12 ވަރަކަށް ރަށަކުން އެ ސެންޓަރަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ ރަށްތައް ވަރަށް ކައިރިން މޮނިޓާކުރަމުންދާ ކަމަށާއި، އިތުރަށް ގެއްލުންވުން ކުޑަކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ، ގޭގެއަށް ފެން ވަނުމުގެ ސަބަބުން ހިފާ ގެންގުޅޭ ސާމަނަށް ގެއްލުންވެ ބައެއް ގޭގައި ދިރިނުޅޭވަރުވެފައިވާ ކަމަށެވެ. އެގޮތުން ތިމަރަފުށީގެ 15 އާއިލާއެއް ހާލުގައި ޖެހި، އެހެން ގެތަކަށް ބަދަލުކޮށްފައިވާ ކަމަށެވެ. އެއް އާއިލާއެއް އެ ރަށު ކައުންސިލްގެ ބެލުމުގެ ދަށުގައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
ގޭގެއަށް ގެއްލުންވެ ރުއް ގަސް ވެއްޓި އެކިވަރުގެ ގެއްލުންވެފައިވީ ނަމަވެސް މީހަކަށް އަނިޔާވިކަމުގެ އެއްވެސް ރިޕޯޓެއް މިހާތަނަށް ޑިޒާސްޓާ މެނޭޖްމެންޓަށް ލިބިފައިނުވާ ކަމަށް ހިސާން ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ރަށްރަށުގެ ދަނޑުބިންތަކަށް ވެސް ގެއްލުންވެފައިވާ ކަމަށެވެ.
ހިސާން ވިދާޅުވީ، ތިމަރަފުށީގައި މިހާރު އެ ސެންޓަރުގެ ޓާސްކް ފޯހެއް ކައުންސިލާއެކު ހަރަކާތްތެރިވަމުންދާ ކަމަށާއި ގޭގެއަށް ފެން ވަނުން ހުއްޓުވުމަށް މަސައްކަތްތައްކުރަމުންދާ ކަމަށެވެ. އަދި ލިބިފައިވާ ގެއްލުންތައް ބެލުމަށް އެސެސްމެންޓެއް ވެސް ހަދަމުންދާ ކަމަށެވެ. ހިސާން އިތުރަށް ވިދާޅުވީ، ތިމަރަފުށީގެ އިތުރުން ގެއްލުންވެފައިވާ އެހެން ރަށްތަކުގެ ހާލަތު ވެސް ކައުންސިލްތަކާ ގުޅައިގެން ގާތުން ބަލަމުންދާ ކަމަށާއި ހާއްސަކޮށް ޔެލޯ އެލާޓް ނެރެފައިވާ ރަށްތަކުގެ ހާލަތު ބަލާ، ސަމާލުކަން ދޭންވީ ކަންކަން ބުނެދެމުންދާ ކަމަށެވެ.