- 15 ރަށަކަށް ގެއްލުންވެފައި
- އެހީ ދޭން ފަށާނީ އެސެސްމެންޓަށްފަހު
- 42 މީހަކު ހާލުގައި ޖެހިފައި
މިހާރު ކުރަމުންދާ ވިއްސާރައިގައި ރަށްރަށުން ގެއްލުންވި ގޭ ސަރުކާރުން އެހީ ވެދެއްވާނެ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
"އަވަސް"އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު އާދަމް ޝަރީފް މިއަދު ވިދާޅުވީ، ވިއްސާރާގައި ގެއްލުންވި ގެތަކަށް ސަރުކާރުން އެހީވާނެ ކަމަށާއި އެހީ ފޯރުކޮށްދޭނީ، ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ހަދާ އެސެސްމެންޓަށް ބަލައިގެން ކަމަށެވެ. އެ ސެންޓަރުން މިހާރު ދަނީ ވިއްސާރާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ތ. ތިމަރަފުށީގެ އެސެސްމެންޓެއް ހަދަމުންނެވެ.
ތިމަރަފުށީގެ އިތުރުން ވެސް މި ވިއްސާރާގައި ގިނަ ރަށްތަކަށް ގެއްލުންވެ، ދަނޑުބިންތައް ހަލާކުވެފައިވެ އެވެ. ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް ބަޔަކު ހާލުގައި ޖެހިގެން ރިޕޯޓްކޮށްފައިވަނީ ތިމަރަފުށިންނެވެ. އެގޮތުން ދިރިނޫޅެވޭ ވަރުވެގެން 15 އާއިލާއަކުން ރިޕޯޓް ކޮށްފައިވެ އެވެ. އެއީ 42 މީހުންނެވެ. އެމީހުން މިހާރު ވަނީ އެހެން ގެތަކަށް ބަދަލުކޮށްފަ އެވެ. އޭގެ ތެރެއިން އެއް އާއިލާ ތިބީ، ކައުންސިލްގެ ބެލުމުގެ ދަށުގަ އެވެ.
އެ ސެންޓަރުގެ މީޑިއާ ކޯޑިނޭޓަރު ހިސާން ހަސަން ވިދާޅުވީ، ތިމަރަފުށީގައި މިހާރު އެ ސެންޓަރުގެ ޓާސްކް ފޯހެއް ކައުންސިލާއެކު ހަރަކާތްތެރިވަމުންދާ ކަމަށާއި ގޭގެއަށް ފެން ވަނުން ހުއްޓުވުމަށް މަސައްކަތްތައްކުރަމުންދާ ކަމަށެވެ. އަދި ލިބިފައިވާ ގެއްލުންތައް ބެލުމަށް އެސެސްމެންޓެއް ވެސް ހަދަމުންދާ ކަމަށެވެ. ހިސާން އިތުރަށް ވިދާޅުވީ، ތިމަރަފުށީގެ އިތުރުން ގެއްލުންވެފައިވާ އެހެން ރަށްތަކުގެ ހާލަތު ވެސް ކައުންސިލްތަކާ ގުޅައިގެން ގާތުން ބަލަމުންދާ ކަމަށާއި ހާއްސަކޮށް ޔެލޯ އެލާޓް ނެރެފައިވާ ރަށްތަކުގެ ހާލަތު ބަލާ، ސަމާލުކަން ދޭންވީ ކަންކަން ބުނެދެމުންދާ ކަމަށެވެ.
ގެއްލުން ލިބުނު ރަށްތައް
- ތިމަރަފުށި
- ހިރިލަންދޫ
- ވޭމަންޑޫ
- ކިނބިދޫ
- މުލި
- ވިލިނގިލި
- އުކުޅަސް
- ކުނަހަންދޫ
- ފޮނަދޫ
- ގަން
- ފޭދޫ
- ހިތަދޫ
- މީދޫ
- ކުޑަހުވަދޫ
- ބޮޑުފުޅަދޫ
ވިއްސާރާގައި ރާއްޖެއިން އެންމެ ބޯކޮށް ވާރޭވެހުނު ކަމަށް ރެކޯޑު ކުރެވުނު ރަށްތަކުގެ ތެރޭގައި ހިމެނެނީ 170 މިލިމީޓަރުގެ ވާރޭ ވެހުނު ތ. ވޭމަންޑޫ އާއި 107 މިލިމީޓަރުގެ ވާރޭ ވެހުނު ލ. ކައްދޫ އާއި 91 މިލިމީޓަރުގެ ވާރޭ ވެހުނު ހުޅުލެއެ އެވެ.