އެޗްޕީއޭ

ކާބޯތަކެތި ވިއްކާ ތަންތަން ފާސްކުރަން ބޮޑު އޮޕަރޭޝަނެއް ފަށަނީ

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި ދެމެހެއްޓުމަށްޓަކައި ކާބޯތަކެތި ވިއްކާ ތަންތަން ބަލާ ފާސްކުރަން ބޮޑު އޮޕަރޭޝަނެއް ފަށަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ބުނެފި އެވެ.

އެ އޮތޯރިޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ކާބޯތަކެތި ވިއްކާ ތަންތަނަކީ އެފަދަ ހިދުމަތް ދިނުމަށް އެކަށީގެންވާ ތަންތަންތޯ އަދި އެ ތަންތަނުގައި ވިއްކާ ކާބޯތަކެތީގެ ރައްކާތެރިކަން ބެލުމަށްޓަކައި ބަލާ ފާސްކުރުމުގެ ހާއްސަ އޮޕަރޭޝަނެއް ފަށަން ހަމަޖެހިފައިވާ ކަމަށެވެ.

މި އޮޕަރޭޝަނުގައި ކާބޯތަކެތި ރައްކާތެރިކޮށް ގެންގުޅުމާއި ގުދަން ކުރުމުގައި އަމަލު ކުރަންވީ ގޮތުގެ މައުލޫމާތާއި އިސްލާހު ކުރަންޖެހޭ ކަންތައްތަކުގެ މައުލޫމާތު ދިނުން ހިމެނޭ ކަމަށް ބަޔާނުގައިވެ އެވެ. އަދި އޮޕަރޭޝަނަށްފަހު އެކަންކަން މޮނިޓާކުރާއިރު އިސްލާހު ނުކުރާ ނުވަތަ ތަކުރާރުކުރާ ފަރާތްތަކަށް "މުދާ ގަންނަ ފަރާތްތަކާއި ހިދުމަތް ލިބިގަންނަ ފަރާތްތައް ހިމާޔަތްކުރުމުގެ ގާނޫނު" އާއި "އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނު" ގެ ދަށުން ފިޔަވަޅު އަޅާނެ ކަމަަށް ވެސް ބުނެފައިވެ އެވެ.

އެ އޮތޯރިޓީން މިފަދަ ބަޔާނެއް ނެރެފައި މިވަނީ، މަގުމަތީ ހެދިފައި އޮތް ކިލާ ފެންގަނޑަކުން ތަރުކާރީ ދޮވެ ވިއްކަން ބަހައްޓާ މަންޒަރު ފެންނަ ވީޑިއޯއަކާއި މަސްމާރުކޭޓް ތެރޭގައި ފެންވަރާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެ، ގިނަ ބަޔެއްގެ ފާޑުކިޔުންތައް އެ އޮތޯރިޓީއަށާއި އެޗްޕީއޭއަށް އަމާޒުވެފައި ވަނިކޮށެވެ.