މިހާރު ކުރަމުންދާ ވިއްސާރައިގައި ވިލާތަކުގެ ބާރު ގަދަވެ އުފެދުނު "ރޯނު" ތޫފާނޫގެ ބާރު ގަދަވެ އިތުރު ތޫފާންތައް އުފެދުމުގެ ފުރުސަތު ބޮޑުވެފައިވާ ކަމަށް މޫސުމާބެހޭ ރިޕޯޓްތައް ބުނެފި އެވެ
ސްކައި މެޓުން ބުނީ، ރޯނުގެ ބާރު ކުރިއަށް މިއޮތް 12 ގަޑިއިރުގެ ތެރޭގައި އެތައް ގުނައެއް އިތުރުވާނެ ކަމަށް ބެލެވޭ ކަމަށެވެ. ރޯނު މިހާރު ވަނީ ރާއްޖެ ފަހަނައަޅައި ގޮސްފަ އެވެ. އެހެން ނަމަވެސް 24 ގަޑިއިރުވެސް ރާއްޖޭގެ އެކިހިސާބަށް ގުގުރުމާއެކު ވިއްސާރަކޮށް އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކުރެވޭ ކަމަށް ރާއްޖޭގެ މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ވަނީ ބުނެފަ އެވެ.
އުތުރުގެ އަތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު ހަތް މޭލާ 17 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރާއިރު އެހެން ހިސާބުތަކަށް ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނުގައި، ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 50 މޭލާއި 55 މޭލާއި ދެމެދުގެ ބާރުމިނަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުނެ އެވެ. އަދި ރާއްޖޭގެ ކަނޑުތަށް އާއްމުގޮތެއްގައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
މި ކޮޅިގަނޑާ ގުޅިގެން އުފެދުނު ބޯ ވިއްސާރަވިލާތައް ވޭތުވެދިޔަ 10 ވަރަކަށް ދުވަހު ރާއްޖޭގެ އެކި ސަރަހައްދުތަކަށް އަރާ ގަދަވަޔާއެކު ގުގުރާ ވިއްސާރަކޮށްފައިވެ އެވެ.
މިހާރު އިންޑިއާގެ އަންދްރަ ޕްރަދޭޝް އާ ދިމާލަށް ރޯނު ދަތުރުކުރަން ފަށާއިފައިވާއިރު އޭގެ ނިޝާންތައް މިހާރުވެސް އަންދްރަ ޕްރަދޭޝް އަށް ފެންނަމުންދާ ކަމަށް ސްކައިމެޓުން ރިޕޯޓުކުރެ އެވެ. އެގޮތުން މިހާރުވެސް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހެމުން އަންނަ ކަމަށާއި އެ ޑިސްޓްރިކްޓްގެ ނިލޯރޭ އަދި ވިޖޭވާދާ އަވަށަށް މިހާރު ވެސް ވަރަށް ބާރަށް ވައިޖެހެމުންދާ ކަމަށް މޫސުމާބެހޭ ހަބަރުތައް ގެނެސްދޭ ސްކައި މެޓުން ވަނީ ރިޕޯޓްކޮށްފައެވެ.
ސްކައިމެޓުން ބުނާ ގޮތުގައި ރޯނު އިރުއުތުރަށް ދަތުރުކުރަމުން ގޮސް މިމަހުގެ 21 އަދި 22 ހާތަނުގައި ބޭ އޮފް ބެންގޯލްއާ ހަމައަށް ދަތުރުކުރާނެ ކަމަށް ވެއެވެ.