މޫސުން

ދަތުރުފަތުރާއި ޑައިވް ކުރުމާއި މޫދު ކުޅިވަރުތައް ހުއްޓާލަން އެދެފި

May 19, 2016

މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ގިނަ ހާދިސާތަކެއްގެ ރިޕޯޓް ކޯސްޓްގާޑަށް ލިބެމުން އަންނަ ކަމަށާއި މޫސުމަށް ސަމާލުވެ ކޮންމެހެން ކުރަންޖެހެ ދަތުރެއް ނޫނީ ނުކުރަން ކޯސްޓްގާޑުން އެދިއްޖެ އެވެ.

ކޯސްޓްގާޑުން ބުނީ ޑައިވިން އާއި މޫދު ކުޅިވަރުތައް ރާވައި ނުހިންގުމަށް އެދޭ ކަމަށާއި ފަޅުތެރޭގަ އާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެގެން ތިބޭ ފަރާތްތަކުންވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް އިތުރަށް ސަމާލުކަންދިނުމަށް އެދޭ ކަމަށެވެ.

"މި ދުވަސްވަރު ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އިތުރު ދަތުރުތައް ނުރޭއްވެވުމަށް އިލްތިމާސް ކުރަމެވެ. ދަތުރަކަށް ނިކުންނަން ޖެހިއްޖެ ހާލަތެއްގައި، ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމުގެ އިތުރުން، މުދާ އުފުލާ އުޅަނދުފަހަރުން ދޯންޏަށް މުދާ ބަރުކުރުމުގައި އެކަށީގެންވާ ވަރަށްވުރެ ބޮޑަށް ބަރުނުކުރެއްވުމާއި، ރަނގަޅަށް ލައިސަންލާފައި ބެހެއްޓުމަށް އިލްތިމާސްކުރަމެވެ." އެމްއެންޑީއެފްގެ ވެބްސައިޓްގައި ވެއެވެ.

ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކަށް ހާދިސާއެއް މެދުވެރިވެއްޖެ ނަމަ 191 އަށް ގުޅުމަށް ވެސް ކޯސްޓްގާޑުން ވަނީ އެދިފައެވެ.