އާދަމް ޝަރީފު އުމަރު

ރަށްރަށުގައި ކާޑުގެ ބާވަތްތައް ހުރި މިންވަރު ބަލައިފި

  • ރަށްރަށުގެ އެސެސްމެންޓްތައް ދަނީ ހަދަމުން
  • ސިފައިން ވަނީ ތައްޔާރީ ހާލަތުގައި
  • މިވަގުތު ދަތުރު ނުކުރުމަކީ އިލްތިމާސެއް: މިނިސްޓަރު

ވިއްސާރާގައި ގެއްލުންތައް ލިބި އިތުރަށް ގޯސްވެއްޖެ ނަމަ އެހީވެ ދިނުމަށް ސިފައިން ތިބީ ތައްޔާރީ ހާލަތުގައި ކަމަށައި ރަށްރަށުގައި ކާޑުގެ ބާވަތްތައް ހުރި މިންވަރު ބަލާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ. މިނިސްޓަރު މިހެން ވިދާވޅުވީ މޫސުން ގޯސްވެ ކަނޑުގަދަވެފައިވާތީ މި ދުވަސްވަރު ދަތުރުފަތުރު ނުކުރަން ކުރެއްވި އިލްތިމާސާއެކު އެވެ.

މިނިސްޓަރު ވިދާޅުވީ، މި ވިއްސާރައިގެ ސަބަބުން ލިބިފައިވާ ގެއްލުންތައް ބަލަމުންދާ ކަމަށާއި އަތޮޅުތަކުގައި ގާއިމުކޮށްފައިވާ އެމްއެންޑީއެފްގެ އޭރިޔާތަކުގެ ކޮމާންޑަރުންނާ ބައްދަލުކޮށް، މި ދަނޑިވަޅުގައި އަޅަންޖެހޭ ފިޔަވަޅުތަކާމެދު މަޝްވަރާކޮށްފައިވާ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ސިފައިން ތިބީ، ފުރިހަމަ ތައްޔާރީ ހާކަތުގައި ކަމަށެވެ. އަދި މިހާރު ވެސް ބޮޑެތި ގެއްލުންތައްވެފައިވާ ރަށްތަކުގައި ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.

އަދި ވިދާޅުވީ، ރަށްތަކުގައި ކާބޯތަކެތި ހުރި މިންވަރު ވެސް ބަލާފައިވާ ކަމަށާއި ގެއްލުންވެފައިވާ ރަށްތަކުގައި ވެސް އެކަށީގެންވާ މިންވަރަށް ކާބޯތެކެތި އެބަހުރި ކަމަށެވެ.

މިނިސްޓަރު ޝަރީފް މީގެ ކުރިން ވިދާޅުވެފައިވަނީ، ވިއްސާރާގައި ގެއްލުންވި ގެތަކަށް ސަރުކާރުން އެހީވާނެ ކަމަށާއި އެހީ ފޯރުކޮށްދޭނީ، ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ހަދާ އެސެސްމެންޓަށް ބަލައިގެން ކަމަށެވެ. އެ ސެންޓަރުން މިހާރު ދަނީ ވިއްސާރާގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު ތ. ތިމަރަފުށީގެ އެސެސްމެންޓެއް ހަދަމުންނެވެ.

ތިމަރަފުށީގެ އިތުރުން ވެސް މި ވިއްސާރާގައި ގިނަ ރަށްތަކަށް ގެއްލުންވެ، ދަނޑުބިންތައް ހަލާކުވެފައިވެ އެވެ. ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރަށް ބަޔަކު ހާލުގައި ޖެހިގެން ރިޕޯޓްކޮށްފައިވަނީ ތިމަރަފުށިންނެވެ. އެގޮތުން ގެދޮރުގައި ދިރިނޫޅެވޭ ވަރުވެގެން 15 އާއިލާއަކުން ރިޕޯޓް ކޮށްފައިވެ އެވެ. އެއީ 42 މީހުންނެވެ. އެމީހުން މިހާރު ވަނީ އެހެން ގެތަކަށް ބަދަލުކޮށްފަ އެވެ. އޭގެ ތެރެއިން އެއް އާއިލާ ތިބީ، ކައުންސިލްގެ ބެލުމުގެ ދަށުގަ އެވެ.

އެ ސެންޓަރުގެ މީޑިއާ ކޯޑިނޭޓަރު ހިސާން ހަސަން ވިދާޅުވީ، ތިމަރަފުށީގައި މިހާރު އެ ސެންޓަރުގެ ޓާސްކް ފޯހެއް ކައުންސިލާއެކު ހަރަކާތްތެރިވަމުންދާ ކަމަށާއި ގޭގެއަށް ފެން ވަނުން ހުއްޓުވުމަށް މަސައްކަތްތައްކުރަމުންދާ ކަމަށެވެ. އަދި ލިބިފައިވާ ގެއްލުންތައް ބެލުމަށް އެސެސްމެންޓެއް ވެސް ހަދަމުންދާ ކަމަށެވެ. ހިސާން އިތުރަށް ވިދާޅުވީ، ތިމަރަފުށީގެ އިތުރުން ގެއްލުންވެފައިވާ އެހެން ރަށްތަކުގެ ހާލަތު ވެސް ކައުންސިލްތަކާ ގުޅައިގެން ގާތުން ބަލަމުންދާ ކަމަށާއި ހާއްސަކޮށް ޔެލޯ އެލާޓް ނެރެފައިވާ ރަށްތަކުގެ ހާލަތު ބަލާ، ސަމާލުކަން ދޭންވީ ކަންކަން ބުނެދެމުންދާ ކަމަށެވެ.