ހަބަރު

ވައިކަރަދޫ ގޮނޑު ދޮށުން އާދަޔާ ހިލާފު ބިސްތަކެއް ފެނިއްޖެ

ހދ. ވައިކަރަދޫ ގޮނޑުދޮށުން އަދާޔާ ހިލާފު ބިސްތަކެއް ފެނިއްޖެ އެވެ. މިކަން މިހާރު ވަނީ ކަމާބެހޭ ފަރާތްތަކާ ހިއްސާކޮށްފަ އެވެ.

އެ ރަށުން ގޮނޑު ދޮށުން ހަތް ބިސް ވަނީ ފެނިފަ އެވެ. އެ ބިސްތައް ފެނިފައިވަނީ ކުޑަކުދިންތަކަކަށެވެ. މި ބިސްތައް ފެނުނީ ދެ ފަސް ބެދޭ ހިސާބުން އެއް ފޫޓު އަޑިންނެވެ.

ވައިކަރަދޫ ކައުންސިލްގެ މެންބަރު އަހުމަދު ނަސީމް ވިދާޅުވެފައިވަނީ، ވައިކަރަދޫއިން ފެނުނު އަދާޔާ ބިސްތަކަކީ މޫދުގައި އުޅޭ ކޮންމެވެސް ޒާތެއްގެ އެއްޗެއްގެ ބިސްތަކެއް ކަމަށެވެ. ނަސީމް ވިދާޅުވީ، ކޮންމެ ބިހެއްގެ ތެރޭގައި ހަތަރު ގޮބޮޅި އޮތް ކަމަށެވެ. ހަތް ބިހުގެ ތެރެއިން ހަތަރު ބިސް ވަނީ ތެޅިފަ އެވެ. ބިސްތަކުގެ ތޮށިގަނޑު ވެލާ ބިސް ތޮށިގަނޑުހާ މަޑު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ބިސްތަކަކީ މޫދުން އެރި އެއްޗެއްގެ ބިސްތަކެއް ކަމަށް ނަސީމް ލަފާކޮށްފައިވާއިރު އެފަދަ ފިޔަވަޅުތަކެއް ވެސް އެ ރަށު ގޮނޑުދޮށުން ވަނީ ފެނިފަ އެވެ.