ނައިޖީރިއާ

ބޯކޯ ހަރާމުން ރަހީނުކުރި އިތުރު ކުއްޖަކު ހޯދައިފި

ދެހާސް ސާދަ ވަނަ އަހަރު ނައިޖީރާގެ ޗީބޯކުން، ރަހީނު ކުރި ސްކޫލް ކުދިންތަކުގެ ތެރެއިން އިތުރު އަންހެން ކުއްޖަކު ހޯދައިފި އެވެ. އެފަހަރު 275 ވަރަކަށް ކުދިން ބޯކޯ ހަރާމުން ވަނީ ރަހީނު ކޮށްފަ އެވެ. އެތަނުން 57 ކުދިން ވަނީ ފިލައިގެން އެނބުރި އައިސްފަ އެވެ. ބާކީ ތިބި ކުދިން ތެރެއިން އެއް ކުއްޖަކު މިހާރުވަނީ ސަލާމަތްކޮށްފަ އެވެ. މިއީ ދެވަނަ ކުއްޖާ އެވެ.

މި ކުއްޖާ ސަލާމަތްކުރީ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ކަމަށްވެއެވެ. ނައިޖީރިއާގެ އަސްކަރިއްޔާގެ ތަރުޖަމާނު ކާނަލް އުސްމާން ސާނީ ކުށަކެކާ ވިދާޅުވީ އެ އޮޕަރޭޝަނާ ބެހޭ ތަފްސީލީ މައުލޫމާތު ފަހުން އާންމު ކުރާނެ ކަމަށެވެ.

އެކުދިންގެ ތެރެއިން ފުރަަތަމަ ފެނުނު އަމީނާ މިނިވަންވީ މިދިއަ އަންގާރަ ދުވަހު އެވެ. އަމީނާ ފެނުނީ ސަމްބިސާ ޖަންގަލީ ކައިރިން އޭނާގެ ހަތަރު މަހުގެ ދަރިފުޅު އަދި ފިރިމީހާއާ އެކީގަ އެވެ. އަމީނާ އާ މިހާރުވަނީ އެގައުމުގެ ރައީސް ބުހާރީ ބައްދަލުކުރައްވާފަ އެވެ.

ބޯކޮ ހަރާމުން ވަނީ އެކުދިން ވަގަށް ނެގުމަށްފަހު ޓްރަކަކަށް ލައިން ގެންގޮސްފަ އެވެ. އޭގެ ތެރެއިން 57 ކުދިން ފިލައިގެން އެނބުރި އައިސްފައިވާއިރު އެކުދިން ބުނީ ބޯކޯ ހަރާމުން އެކުދިންނާ ދޭތެރޭ ގޯސްކޮށް ކަންތައް ނުކުރާ ކަމަށެވެ. އޭގެ ފަހުން އެ އަހަރުގެ މެއި މަހުގެ ތެރޭގައި ބޯކޯ ހަރާމުން ވަނީ ވަގަށް ނަގާފައިވާ ކުދިންގެ ތެރެއިން 130 ވަރަކަށް ކުދިން ޤުރުއާން ކިޔަވަމުންދާ މަންޒަރު ވީޑިއޯ ކުރުމަށްފަހު އާންމު ކޮށްފަ އެވެ.

ފިލައިގެން އައި އެ ކުދިން ވަނީ އެނބުރި އައުމަށްފަހު ބާކީ ތިބި ކުދިން ހޯދުމުގެ މަސައްކަތް އެންމެ އެކަށީގެންވާ ގޮތެއްގައި ސަރުކާރުން ނުކުރާތީ އެކަމާ ދެކޮޅަށް މުޒާހަރާ ކޮށް ހާއްސަ ކެމްޕޭނެއް ވެސް ކުރިއަށް ގެންގޮސްފަ އެވެ. މި ކެމްޕޭނަށް އެމެރިކާގެ ފަސްޓު ލޭޑީ މިޝޭލް އޮބާމާ އަދި ޕާކިސްތާނުގެ އެކްޓިވިސްޓު މަލާލާ ވެސް ތާއީދު ކޮށްފައިވެ އެވެ.