މޫސުން

ގެއްލުންތައް ބެލުމަށް ހަދާ އެސެސްމެންޓްގެ ބޮޑު ބައި ނިމިއްޖެ

ވޭތުވެދިޔަ ދެ ދުވަހު ރާއްޖެއަށް ކުރި ވިއްސާރާގައި އެންމެ ބޮޑު ގެއްލުމެއްވި ތ. ތިމަރަފުށީގެ ގޭގެއަށް ލިބިފައިވާ ގެއްލުންތައް ބެލުމަށް ހަދާ އެސެސްމެންޓްގެ ބޮޑު ބައެއް ނިންމާލައިފި އެވެ. މިހާތަނަށް 57 ގެއެއްގެ އެސެސްމެންޓް ނޭޝަނަލް ޑިޒާސްޓާ ސެންޓަރުން ވަނީ ހަދާފަ އެވެ.

ތިމަރަފުށީ ކައުންސިލްގެ ރައީސް ހުސެއިން ޝަރީފް ވިދާޅުވީ، ވިއްސާރައިގައި 70 ވަރަކަށް ގެއަށް ގެއްލުންވި ކަމަށާއި މިހާތަނަށް އެސެސްމެންޓް ނުހެދި ހުރި ގެތަކުގެ އެސެސްމެންޓް މިއަދު ހަވީރު ފެށިގެން ހަދަމުން ގެންދާނެ ކަމަށެވެ. މާދަމާގެ ހެނދުނަށް އެ މަސައްކަތް ނިންމާލެވޭނެ ކަމަށް ބެލެވޭ ކަމަަށް އޭނާ ވިދާޅުވި އެވެ. ގެއްލުންތައް ބެލުމަށް އެސެސްމެންޓް ހެދުމުގައި ތިން ޓީމަކުން ރަށަކުން ހަރަކާތްތެރިވަމުންދާއިރު، އެ ޓީމްތަކުގައި ޑިޒާސްޓާގެ ބޭފުޅުންނާއި ރެޑް ކްރެސެންޓްގެ ފަރާތްތައް އަދި ރަށުގެ ޒުވާނުން ހިމެނެ އެވެ.

ޝަރީފު ވިދާޅުވީ، މިހާރު އެރަށަށް ވާރޭ ވެހެމުންނުދާ ކަމަށާއި ފެންގަނޑު ވެސް ހިނދިފައިވާ ކަމަށެވެ. ފެން ބޮޑުވުމާ ގުޅިގެން އުފެދިފައިވާ ކިސަޑުތައް ސާފުކުރުމުގެ މަސައްކަތް ވެސް ރަށު ރައްޔިތުންނާއި ސަރުކާރުގެ މުއައްސަސާތަކުގެ މުވައްޒަފުން ގުޅިގެން ކުރަމުންދާ ކަމަށް ޝަރީފް ވިދާޅުވި އެވެ.

އާންމުކޮށް ގެއްލުންވެފައިވަނީ ހިފާ ގެންގުޅޭ ތަކެއްޗަށް ކަމަށާއި، ބައެއް ގޭގެ އިމާރާތަށް ވެސް ގެއްލުންވެފައިވާ ކަމަށް ތިމަރަފުށީ ކައުންސިލްގެ ރައީސް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ބައެއް ގޭގައި ކަރަންޓުގެ މައްސަލަތައް ވެސް ހުރުމުން އަދި ދިރިއުޅެވޭވަރުނުވާ ކަމަށެވެ. އެ ގޭގެގެ މީހުން މިހާރު ތިބީ އާއިލާ އެހެން ގޭގެގައި ކަމަށް އޭނާ ވިދާޅުވި އެވެ. ޝަރީފް ވިދާޅުވީ، ދިރިއުޅެވޭވަރު ނުވާ ގެއެއްގެ އާއިލާއެއް މިހާރު ވެސް ކައުންސިލްގެ ބެލުމުގެ ދަށުގައި އެބަ ތިބި ކަމަށެވެ.

ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު ވަނީ، އެސެސްމެންޓް ނިންމާ، ގެއްލުންވި ގެތަކަށް ސަރުކާރުން މާލީ އެހީވެދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.