ސަރުކާރުގެ ވަޒީރުންގެ ތެރެއިން ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ ހަމައެކަނި ވަޒީރު ކަމަށް ވާ ހޯމް މިނިސްޓަރު އުމަރު ނަސީރު ވެސް އެ ޕާޓީން ވަކިވެއްޖެ އެވެ.
އުމަރު މިއަދު ކުރެއްވި ޓްވީޓެއްގައިވަނީ މިމަހުގެ ހަތަރު ވަނަ ދުވަހު އޭނާ ޖުމްހޫރީ ޕާޓީން ވަކިވެފައިވާ ކަމަށެވެ. އެ ޓްވީޓްގައި އޭނާ ވިދާޅުވެފައިވަނީ ޖޭޕީގެ ބައެއް ނިންމުންތަކާ އޭނާ ދެކޮޅު ހައްދަވާ ކަމަށާއި އެހެންވެ އެ ޕާޓީން ވަކިވީ ކަމަށެވެ. އަދި ޕާޓީން ވަކިވި ނަމަވެސް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމަކީ އޭނާގެ ގާތް އެކުވެރިއަކަށް ވާނެ ކަމަށް އެ ޓްވީޓްގައި އުމަރު ވިދާޅުވެފައިވެ އެވެ.
ޖޭޕީން އުމަރު ވަކިވެ ވަޑައިގެންނެވިއިރު ގާނޫނު އަސާސީގެ ހިމާޔަތުގައި މަސައްކަތް ކުރުމަށް ޖޭޕީ އާއި އެމްޑީޕީއާ ދެމެދު މިހާރު ވަނީ ރަސްމީކޮށް އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. އަދި ޖޭޕީގެ ލީޑަރު ގާސިމް ދަނީ ފާޅުގައި ސަރުކާރަށް ފާޑު ކިޔަމުންނެވެ.
މި ސަރުކާރުގެ ކެބިނެޓް އެންމެ އެކުލަވާލިއިރު އެ ކެބިނެޓްގައި އުމަރާ އެކު ޖޭޕީއަށް ނިސްބަތްވާ ތިން ވަޒީރަކު ތިއްބެވި އެވެ. އެއީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެންވަޔަރްމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމާއި އުމަރެވެ. ނަމަވެސް ސައީދާއި ތޯރިގް ކުރިން ވަނީ ޖޭޕީން ވަކިވެ، ސަރުކާރު ހިންގާ ޕީޕީއެމާ ގުޅިފަ އެވެ.