ސުނާމީ ބިނާ މައިޒާން

ސުނާމީ ބިނާ މައިޒާނުގައި ޖެހުނު ދޯނި ދުއްވި މީހާ މަސްތުވާތަކެއްޗަށް ޕޮޒިޓިވް

މިދިއަ މާޗް މަހުގެ ތެރޭގައި ތަރައްގީކޮށް ބޭނުން ކުރަން ފެށި ސުނާމީ ބިނާ މައިޒާނުގެ ބޭރު ތޮށިގަނޑުގައި މިއަދު ޖެހި އެކްސިޑެންޓްވި ދޯނި ދުއްވަން ހުރި މީހާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިރޭ ވިދާޅުވީ، އެ ދޯނި ދުއްވަން ހުރި މީހާގެ ކުޑަކަމުދާ ތަކެތި ޓެސްޓްކޮށް، ވަގުތީ ރިޕޯޓް ލިބިފައިވާ ކަމަށާއި އެ ރިޕޯޓުން ދައްކާ ގޮތުގައި އޭނާ މަސްތުވާތަކެތީގެ ބާވަތަކަށް ޕޮޒިޓިވް ކަމަށެވެ.

އެ އޮފިޝަލް ވިދާޅުވީ، ދޯނި އެކްސިޑެންޓުވިކަން ފުލުހުންނަށް އެންގީ އާންމު ފަރާތަކުން ކަމަށާއި އެކަން ދޯނި ދުއްވަން އިން މީހާ ކަމާބެހޭ އެއްވެސް ފަރާތަކަށް އަންގާފައިނުވާ ކަމަށެވެ. އެފަދަ ހާލަތްތަކުގައި އަމަލުކުރަން ޖެހޭ އެއްވެސް އުސޫލަކަށް ދޯނި ދުއްވަން ހުރި މީހާ އަމަލުކޮށްފައިނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ، އާންމު ގޮތެއްގައި އެފަދަ ހާދިސާތަކުގައި މީހުންގެ ހައްޔަރު ނުކުރާ ކަމަށާއި ނަމަވެސް އޭނާ ހައްޔަރުކުރީ، ތަކުރާރުކޮށް ލައިސެންސް ނެތި ކަނޑުއުޅަނދު ދުއްވަމުންދާ މީހެއް ކަމަށް ފުލުހުންނަށް ފާހަގަވެގެން ކަމަށެވެ.