ތިންރުށް ޕާކްގައި ހަދާފައިވާ ސުނާމީ ބިނާ މައިޒާންގައި ދޯންޏަކުން ޖެހި އަނެއްކާ ވެސް އެތަނަށް ގެއްލުންތަކެއް ލިބިއްޖެ އެވެ.
މިއަދު ހެނދުނު ހައުސިން މިނިސްޓްރީގެ ރަސްމީ ޓްވިޓާ އެކައުންޓުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ، މާލެ ފަޅުތެރެއަށް ވަންނަން އައި ދޯންޏެއް ސުނާމީ ބިނާ މައިޒާންގެ ފެންސްގައި ރޭވެސް ޖެހިފައިވާ ކަމަށެވެ. އަދި ފޮޓޯޓަކުން ފެންނަ ގޮތުގައި އެކަމުގެ ސަބަބުން އެ ބިނާގެ ފެންސަށް ވަނީ ގެއްލުންވެ ބައެއް ލަކުޑިތައް ބިންދައިގެން ގޮސްފަ އެވެ.
އެކަމާ ގުޅިގެން ހައުސިން މިނިސްޓަރު މުހައްމަދު މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މާލެފަޅަށް ވަދެ ނުކުމެވާ އުޅަނދުތައް ސުނާމީ ބިނާ މައިޒާނަށް ބަލައިގެން ދަތުރު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ސުނާމީ ބިނާ މައިޒާންގައި ދޯންޏަކުން ޖެހި ގެއްލުންވެފައި ވަނީ މިދިޔަ ހުކުރު ދުވަހުގެ ރޭ އެވެ. އެ ދޯނި ދުއްވަން އިން މީހާ ހައްޔަރުކޮށް ބަލައި ފާސްކުރި އިރު އޭނާގެ އަތުގައި ލައިސަންސް ނެތުމުގެ އިތުރަށް މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވްވެފަ އެވެ.