އޭޑީކޭ ގުރޫޕްގެ ލަގްޒަރީ ޔޮޓެއްގައި އަލިފާން ރޯވެ އަޑިއަށް ހިނގައްޖެ އެވެ.
މީގެ 17 ވަރަކަށް އަހަރު ކުރިން ބަނދެފައިވާ 26.25 މީޓަރު ދިގު ޔޮޓުގައި ރޯވީ ރީތި ރަށް ރިސޯޓާ ފަސް މޭލު ބޭރުގައި އޮއްވަ އެވެ.
ނަވައިމާ ނަމަކަށް ކިޔާ ޔޮޓްގައި ރޯވިއިރު ފަސް މީހުން ތިބި ނަމަވެސް ފިހިގެން އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދެނީ ދިވެހި ފިރިހެނަކަށެވެ.
ފިހުނު މީހާގެ ހާލު ސްޓޭބަލް ކަމަށް ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.
ފުލުހުން ބުނީ އަލިފާނުގެ މިހާދިސާ ހިނގާފައިވަނީ މިދިޔަ ބުދަ ދުވަހުގެ ރޭ ދަންވަރު 3:45 ހާއިރު ކަމަށާއި ޔޮޓު އަޑިއަށް ގޮސްފައިވާ ކަމަށެވެ.
ފުލުހުން ދަނީ މި ހާދިސާ އިތުރަށް ތަހުގީގު ކުރަމުންނެވެ.