ރައީސް އަބްދުﷲ ޔާމީން

މަސައްކަތް ނިމޭއިރު ރާއްޖެ، ސިންގަޕޫރާއި ދުބާއީއާ އަޅާކިޔާލެވޭނެ: ރައީސް

  • ޝަރުއީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ހޯދާނެ
  • ސަރަހައްދީ ފެންވަރުގެ ސިއްހީ ނިޒާމެއް ގެނެސްދޭނެ
  • އެންމެ މަގުބޫލު މަންޒިލަކަށް ރާއްޖެ ހަދާނެ

ރައީސްކަމަށް ވަޑައިގެންނެވި މަގުސަދާއި މަސައްކަތްތައް ނިމޭނީ ރާއްޖެއަކީ ދުބާއީ އަދި ސިންގަޕޫރާ އަޅާކިޔާލެވޭވަރުގެ ގައުމަކަށްވުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.

"ފަހި ނުވައެއް ތޭރަ" ކުޅިވަރު ފެސްޓިވަލް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ބޭނުން ވަނީ ރާއްޖެއަކީ ސިންގަޕޫރް ފަދަ ތަރައްގީވެފައިވާ ގައުމަކަށް ހަދަން ކަމަށެވެ. އެކަން އެގޮތަށް ބޭނުންވާނަމަ ބޮޑު މަޝްރޫއުތައް ހިންގަންޖެހޭ ކަމަށެވެ.

"އަޅުގަނޑުމެން މިއަޅަނީ ބްރިޖް އަޅުގަނޑުމެން މިއަޅަނީ 25 ބުރީގެ ފިނޭންސް މިނިސްޓްރީގެ އިމާރާތް، އަޅުގަނޑުމެން މި ދައްކާ ވާހަކައަކީ ރާއްޖެއަށް އެކި ހިސާބުތަކުން ބޮޑެތި އިންވެސްޓްމެންޓްތައް އަންނަ ވާހަކަ، މެރީނާ އަޅާ ވާހަކަ އެބަ ދައްކަން، އެއާޕޯޓްގައި ޓާމިނަލް އަޅާ ވާހަކަ އެބަ ދައްކަން، މި ދައްކަނީ ބޭރު މީހުން ބޭރުގެ ފައިސާ ހިފައިގެން ރާއްޖެ އަންނަ ވާހަކަ، އަޅުގަނޑުމެން ބޭނުން ވަނީ ރާއްޖެއަކީ ސިންގަޕޫރް ފަދަ ކުރިއަރާފައިވާ ގައުމަކަށްވާން ކަމުގައިވާ ނަމަ މެރީނާ ހަދާ ވާހަކަ ދައްކަނީ ހުޅުމާލޭގައި،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ހުޅުމާލޭގައި އަޅާ މެރީނާތަކަކީ އެންމެ މުއްސަނދި މީހުންނަށް ވެސް މަގުބޫލުތަނަކަށް ހައްދަވާނެ ކަމަށެވެ. ރާއްޖެއަކީ އެންމެ ގިނަ މީހުން އަންނަން ބޭނުންވާ "މަދީނާ"އަކަށް ވެގެން ދިޔުމަކީ އުއްމީދުކުރައްވާ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ. ރައީސް ވިދާޅުވީ، އެމަނިކުފާނުގެ މަސައްކަތް ނިމޭނީ އޭރަށް ކަމަށެވެ.

އަދުލު އިންސާފުގެ ދާއިރާއަށް ހަލުވިކަން އައިސް، ރައްޔިތުންގެ އިތުބާރު ލިބޭ ދުވަހަކީ އެމަނިކުފާނުގެ މަސައްކަތް ނިމޭނެ ދުވަސް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި، ވިދާޅުވީ މާދަމާ ރޭ އާ ޓާމިނަލްގެ ބިން އެޅިގެންދާނެ ކަމަށާއި ބޭނުންވާ ހުރިހާ ވަސީލަތްތަކެއް އެ ޓާމިނަލްގެ މަސައްކަތް ނިމުމުން ލިބިގެންދާނެ ކަމަށެވެ.

"އަޅުގަނޑުގެ މަސައްކަތެއް ނުނިމޭ، އަޅުގަނޑުގެ މަސައްކަތް ނިމޭނީ މި އެއާޕޯޓަކީ އެކި ކަންކަމުގައި މި ސަރަހައްދާއި އަދި އެހެން ސަރަހައްދުތަކަށް ވެސް އެންމެ މަގުބޫލް މަންޒިލަށްވުމުން، އަޅުގަނޑުގެ މަސައްކަތް ނިމޭއިރު އަޅުގަނޑުގެ މަސައްކަތް ކޮންޕެއާކޮށްލަން އަޅާކިޔާލަން ބޭނުންވާނެ، ސިންގަޕޫރްގައި ދޭ ހިދުމަތްތަކާއި ދުބާއީގައި ދޭ ހިދުމަތްތަކާ ރާއްޖެއާ ކިހާ ފަރަގެއްތޯ ހުރީ، އެ ހިސާބުން އަޅުގަނޑުގެ މަސައްކަތް ނިމޭނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، އެމަނިކުފާނުގެ މަސައްކަތް ނިމޭނީ ތައުލީމީ ދާއިރާއިންނާއި ސިއްހީ ދާއިރާއިން ވެސް ކުރިއެރުންތަކެއް ހޯދުމުން ކަމަށެވެ. އެމަނިކުފާނުގެ މަސައްކަތް ނިމޭނީ، ޓީޗަރުންނަށް ކިޔަވައިދީ، އެ ޓީޗަރުން ކިޔަވައިދޭ ދަރިވަރުން ބޭރުގެ ޔުނިވާސިޓީތަކުން ރަންވަނަތައް ހޯދުމުން ކަމަށެވެ. އަދި ސަރަހައްދުގައި ފާހަގަކޮށްލެވޭ ސިއްހީ ނިޒާމެއް ރާއްޖޭގައި ގާއިމުކުރެވެމުން ނޫނީ މަސައްކަތް ނުނިމޭނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.