އެމެރިކާ

ވައިޓް ހައުސް ކައިރިން ހަތިޔާރު އެޅި މީހަކު އަތުލައިގެންފި

އެމެރިކާގެ ރިޔާސީ ގެކޮޅު ވައިޓް ހައުސް ކައިރީގައި ހަތިޔާރާއެކު ހަރަކާތްތެރި މީހެއް އަތުލައިގެންފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ. އެމީހާ ގަޔަށް ވައިޓް ހައުސްގެ ސެކިއުރިޓީ އޮފިސަރުން ވަނީ ބަޑި ޖަހާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ވައިޓް ހައުސް ކައިރީގައި ހަތިޔާރު އެޅި މީހަކު ހަރަކާތްތެރިވުމާ ގުޅިގެން ވައިޓް ހައުސް ހިމެނޭ ސަރަހައްދު މިހާރު ވަނީ ބަންދުކޮށްފަ އެވެ. މި ހާދިސާ ހިނގި ވަގުތު ރައީސް ބަރަކް އޮބާމާ ގެކޮޅުގައި ނޫޅުއްވާ ކަމަށްވެ އެވެ. ވައިޓް ހައުސްއާއި އެ ސަރަހައްދުގެ ސެކިއުރިޓީ މިހާރު ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ.

ހަތިޔާރާއެކު ހަރަކާތްތެރި މީހާގެ ގަޔަށް ބަޑި ޖަހައި، ފުލުހުންގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފައިވާއިރު އޭނާގެ ހާލު ސީރިއަސް ކަމަށްވެ އެވެ. އަދި އޭނާއަށް މިހާރު ހޮސްޕިޓަލްގައި ފަރުވާދެމުންގެންދާ ކަމަށް ވެސް ބައެއް ރިޕޯޓްތައް ބުނެ އެވެ.

މި ހާދިސާ ހިނގި ވަގުތު ބަރަކް އޮބާމާ ގެކޮޅު ނޫޅުއްވި ނަމަވެސް އެ ގައުމުގެ ނައިބު ރައީސް، ޖޯ ބައިޑަން އޭރު ވައިޓް ހައުސްގައި ހުންނެވި އެވެ. ހާދިސާ ހިނގުމާއެކު އެމަނިކުފާނު ސެކިއުރިޓީ ވަރުގަދަކޮށްފައިވާ ކަމަށް ހަބަރުތައް ބުނެ އެވެ.

މި މައްސަލަ މިހާރު ތަހުގީގުކުރަން ފަށާފައިވާއިރު، ހަތިޔާރު އެޅި މީހާ ދުއްވަން ގެންގުޅުނު ވެހިކަލް ވަނީ އެ ސަރަހައްދުން ފެނިފަ އެވެ. އަދި އެ ވެހިކަލް މިހާރު ވަނީ ތަހުގީގަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފަ އެވެ.