މޫސުން

ކުރިއަށް އޮތް ދެތިން ދުވަހަށް މޫސުން ގޯހެއް ނުވާނެ: މެޓް

ކުރިއަށް އޮތް ދެތިން ދުވަހަށް ރާއްޖޭގެ މޫސުން އެހާ ގޯހެއް ނުވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ބުނެފި އެވެ.

އެ އިދާރާއިން ބުނީ، ކުރިއަށް އޮތް ދެތިން ދުވަހު ރާއްޖޭގެ މޫސުން ރަނގަޅުވާނެ ކަމަށާއި، ނަމަވެސް އުތުރާއި މެދު ރާއްޖެ ތެރޭ ދެމެދުގެ ރަށްތަކަށް ކޮންމެވެސް ވަރަކަށް ވާރޭ ވެހެމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. ނަމަވެސް އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށެވެ. ދެކުނު އަތޮޅުތަކަކަށް ވެސް އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށް ވެސް މެޓް އިން ބުންޏެވެ.

ވޭދުވެދިޔަ ދެ ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވެ، ގިނަ ރަށްތަކެއްގައި ފެން ބޮޑުވެ ގެއްލުންތަކެއް ލިބިފައިވެ އެވެ. އެ ވިއްސާރައަކީ މިދިޔަ ހޯމަ ދުވަހުން ފެށިގެން ރާއްޖޭގެ އިރުމަތީ ފަރާތުގައި އުދެފުނު، ކޮޅިގަނޑެއްގެ ސަބަބުން ކުރި ވިއްސާރައެކެވެ. މި ކޮޅިގަނޑުގެ ބާރުގަދަވެ، "ރޯނު" ކިޔާ ތޫފާނަކަށް ވެސް ބަދަލުވެފައިވެ އެވެ. ނަމަވެސް ރޯނު ތޫފާނުގެ ބާރުގައި އުފެދުނު ވިލާގަނޑު ވަނީ ރާއްޖެއާ ދުރަށް ގޮސްފަ އެވެ.

މޫސުމާބެހޭ އިދާރާއިން ބުނެފައި ވަނީ ރާއްޖޭގެ އިރުމަތީ ފަރާތުގައި އުފެދުނު ކޮޅިގަނޑު މަޑުމަޑުން އުތުރަށް ދަތުރުކޮށް ސުރީލަންކާ ފަހަނައަޅާ އިންޑިއާގެ އިރުމަތީ އައްސޭރި ފަށާ ކައިރިން ދަތުރުކޮށްފައިވާ ކަމަށެވެ.

އެ ވިއްސާރާގައި ރާއްޖެއިން އެންމެ ބޯކޮށް ވާރޭވެހުނު ކަމަށް ރެކޯޑު ކުރެވުނު ރަށްތަކުގެ ތެރޭގައި ހިމެނެނީ 170 މިލިމީޓަރުގެ ވާރޭ ވެހުނު ތ. ވޭމަންޑޫ އާއި 107 މިލިމީޓަރުގެ ވާރޭ ވެހުނު ލ. ކައްދޫ އާއި 91 މިލިމީޓަރުގެ ވާރޭ ވެހުނު ހުޅުލެއެ އެވެ.