އަންނަ މަހު ފަށާ ކޮޕާ އެމެރިކާ ސެންޓެނާރިއޯގައި ވާދަކުރާ އާޖެންޓީނާގެ ގައުމީ ޓީމުން ދެ ފޯވަޑުން ކަމަށްވާ ކާލޮސް ޓެވޭޒް އާއި ޕައުލޯ ދީބާލާ ބާކީކޮށްފި އެވެ.
މީގެ ތެރެއިން ޔުވެންޓަސްގެ 21 އަހަރުގެ ފޯވަޑް ދީބާލާ އަށް ޖާގަ ނުދިނީ ކޮޕާ އެމެރިކާ އަށް ފަހު ފަށާ އޮލިމްޕިކް ކުޅިވަރު މުބާރާތަށްދާ އާޖެންޓީނާ ޓީމުގައި އޭނާ ހިމެނުމަށެވެ. މަޝްހޫރު ބްރެޒިލް ޓީމުން ވެސް ވަނީ އޮލިމްޕިކްސްގައި ކުޅުވުމަށް ނޭމާ ކޮޕާ އެމެރިކާގައި ކުޅޭ ޓީމުން ބާކީކޮށްފަ އެވެ.
އާޖެންޓީނާގެ ކޯޗު ޖެރާޑޯ މާޓިނޯ ޓެވޭޒް އަށް އެންމެ ފަހުން އެ ގައުމު ކުޅުނު ހަތަރު މުބާރާތުގެ ތެރެއިން ތިން މުބާރާތުން ޖާގަ ދީފައިނުވެ އެވެ. މިފަހަރުގެ ޓީމުން އޭނާ ބާކީކުރި އިރު ފޯވަޑުންނަށް ނަގާފައިވަނީ ކެޕްޓަން ބާސެލޯނާގެ ލަޔޮނަލް މެސީ އާއި މެންޗެސްޓާ ސިޓީގެ ސާޖިއޯ އަގުއެރޯ އާއި ބެންފީކާގެ ނިކޮލަސް ގައިޓެން އާއި ނަޕޯލީގެ ގޮންޒާލޯ ހިގުއައިން އައި ޕީއެސްޖީގެ އެންހެން ޑިމާރިއާ އަށެވެ.
މެންޗެސްޓާ ޔުނައިޓެޑުގައި ކުޅުމުގެ ފުރުސަތު ކިތަންމެ މަދުން ލިބުނު ނަމަވެސް އާޖެންޓީނާގެ އެއްވަނަ ކީޕަރުކަން ލިބުން ގާތީ ސާޖިއޯ ރޮމޭރޯ އަށެވެ.
ޓީމުގައި ހިމަނާފައިވާ މުހިންމު ކުޅުންތެރިންގެ ތެރޭގައި ބާސެލޯނާގެ ހާވިއާ މަޝެރާނޯ އާއި ޕީއެސްޖީގެ ހާވިއާ ޕަސްޓޯރޭ އާއި އެތްލެޓިކޯގެ އޮގްސްޓޯ ފާނާންޑޭޒް އާއި ޓޮޓެންހަމުގެ އެރިކް ލަލެމާ ފަދަ ކުޅުންތެރިން ހިމެނެ އެވެ.
ކޮޕާ އެމެރިކާގައި އާޖެންޓީނާ ހިމެެނެނީ އެންމެ ފަހުގެ ޗެމްޕިއަން ޗިލީއާ އެއްގްރޫޕެއްގަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ ޕެނަމާ އާއި ބޮލީވިއާ އެވެ. ހުސްވި އަހަރުގެ މުބާރާތުގެ ފައިނަލްގައި ކުޅެ އާޖެންޓީނާ ބަލިވީ ޗިލީ އަތުންނެވެ.