ހަބަރު

ނަޑެއްލާ ވިލުން 26 ކޯމަސް ސަލާމަތްކުރި އިރު 12 މަސް މަރު!

ގދ.ނަޑެއްލާ ވިލު ތެރެއަށް މިދިޔަ ބުދަ ދުވަހު ވަން ކޯމަސްތައް ސަލާމަތް ކުރުމަށް ތިން ދުވަސް ވަންދެން ކުރި މަސައްކަތަށް ފަހު މިއަދު ވަނީ ހުރިހާ މަހެއް ވިލުން ނެރެ ނިމިފަ އެވެ. ރަށުގެ ޒުވާނުންގެ ބަޔަކާއި ސިފައިން ކޯމަސްތައް ހިފައި ވިލުން ނެރުމަށް ކުރި ކެތްތެރި މަސައްކަތުގައި ބޮޑު ކާމިޔާބީއެއް ހޯދި އެވެ. އެކަމަކު ހިފައި ސަލާމަތް ކުރުމުގެ ކުރިން 12 މަސް ވަނީ މަރުވެފަ އެވެ.

"ބާރަ މަސް މަރުވެ ފަޅުރަށްރަށަށް ވަނީ ލައްގާފައި. ސައްބީސް މަސް ސަލާމަތްކުރެވުނު،" ނަޑެއްލާ ކައުންސިލްގެ ރައީސް ފައިސަލް ނަޖީބް ވިދާޅުވި އެވެ.

މަސްތައް ސަލާމަތް ކުރުމުުގެ މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހު ކުރިއަށް ދިޔައިރު ފައިސަލް "އަވަސް" އަށް ވިދާޅު ގޮތުގައި މަސްތައް ހިފައި ޑިންގީއަށް އަރުވައިގެން ގެންދަނީ އެސޮރުމެންނަށް އަނިޔާ ނުވާނެ ގޮތަށެވެ. އޭނާ ވިދާޅުވި ގޮތުގައި އަށެއްކަ ފޫޓް ހުންނަވަރުގެ ބޮޑެތި ކޯމަސް ވެސް ވަނީ ހިފައި ސަލާމަތް ކޮށްފަ އެވެ.

ބޮޑު ވިލެއްގެ ތެރެއިން މަސްތައް ހިފުމަކީ ފަސޭހަ ކަމަކަށް ނުވިޔަސް މިދިޔަ ތިން ދުވަހު ވެސް ކޮންމެ ދުވަހަކު ރަށުގެ ޒުވާނުންގެ ބަޔަކާއި ސިފައިން ގުޅިގެން ކޮށްފައި ވަނީ ނަމޫނާ މަސައްކަތެކެވެ. މުޅި ދުވަސް ހޭދަކުރަނީ، ފަރު ހުރަސްކޮށް ވިލުތެރެއަށް ވަދެވި ސަލާމަތް ނުވެވިގެން އުޅުނު ކޯމަސްތައް ކަނޑަށް ނެރެވޭތޯ އެވެ.

"މި މަސައްކަތުގައި ރަށުގެ 23 ޒުވާނަކު ސިފައިންނާ އެކު އަމަލީ ގޮތުން ވަނީ ބައިވެރިވެފައި. އިރާދަކުރެއްވިއްޔާ މިއަދު ހުރިހާ މަހެއް ސަލާމަތްކޮށް މި ނިމުނީ،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ހިމާޔަތް ކޮށްފައިވާ މަސްތަކުގެ ތެރޭގައި ހިމެނޭ ކޯމަހުގެ ގިނަ އަދަދެއްގެ މަސްތައް ސަލާމަތްކުރި މަންޒަރުގެ ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި ފަހަރަކު މަހެއް ހިފުމަށް ފަހު ފޮތިގަނޑުތަކަށް ލައި އުފުލާލައިގެން ޑިންގީ އަށް އެރުވުމަށް ފަހު ގެންދަނީ ކަނޑަށެވެ. ބައެއް މީހުން މޫދުގައި ކޯމަސްތަކާ އެކު ފަތާފައި އުޅޭތަން ފެންނަ ހިތްގައިމު މަންޒަރުތައް ވެސް ފޮޓޯ އިން ފެނެ އެވެ.