ހަބަރު

އެއާޕޯޓްގެ އާ ޓާމިނަލް އަޅަން ސައުދީގެ ބިންލާދިން ގްރޫޕާ ހަވާލުކޮށްފި

May 21, 2016
7

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް، (އައިއެންއައިއޭ)ގެ އަލަށް އަޅައި ޒަމާނީ ޓާމިނަލް އިމާރާތް ކުރުމުގެ މަސައްކަތް ސައުދީގެ އެންމެ ބޮޑު ކޮންސްޓްރަކްޝަން ކުންފުނިމ ބިން ލާދިން ގްރޫޕާ ހަވާލުކޮށް އެއްބަސްވުމުގައި މިރޭ ސޮއިކޮށްފި އެވެ.

މިރޭގެ ރަސްމިއްޔާތުގައި ރައީސް އަބްދުﷲ ޔާމީން ވަނީ އާ ޓާމިނަލްގެ މަސައްކަތް އިފްތިތާހުކުރެއްވުމުގެ ގޮތުން ހަދާނީ ފިލައެއް ބަހައްޓަވައިދެއްވާފަ އެވެ.

ހުޅުލޭގައި އައިއެންއައިއޭގެ އާ ޓާމިނަލް އަޅާ ސަރަހައްދުގައި ބޭއްވި ހަފްލާއެއްގައި އެއާޕޯޓްގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވި އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރު، އާދިލް މޫސާ އެވެ. އަދި ސައުދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ، އެ ކުންފުނީގެ ރެޕްރެޒެންޓެޓިވް، އަބްދުލް އަޒީޒް ބިން ބިންލާދިން އެވެ. އެ ކުންފުންޏަކީ ސައުދީ އާއި ދުނިޔޭގެ އެހެން ވެސް ގައުމުތަކުގައި އިމާރާތް ކުރުމުގެ ބޮޑެތި މަޝްރޫއުތައް ހިންގާ ސައުދީ އަރަބިއްޔާގެ އެންމެ ބޮޑު އެއް ކުންފުންޏެވެ. މައްކާގެ ހަރަމްފުޅާއި މަދީނާގެ ބައެއް ތަންތަން ތަރައްގީ ކުރުމުގެ ބޮޑެތި މަޝްރޫއުތައް ހިންގަނީ އެ ކުންފުނިންނެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށް ފަހު އެމްޑީ އާދިލް ވިދާޅުވީ މި މަޝްރޫއާ ގުޅިގެން އެއާޕޯޓުން ދޭ އެއްވެސް ހިދުމަތެއް ނުހުއްޓޭނެ ކަމަށެވެ. އަދި ޓާމިނަލް އަޅަނީ މުޅިން އަލަށް ހިއްކި 7،000 އަކަމީޓަރުގެ ބިމެއްގައި ކަމަށެވެ. އާދިލް ވިދާޅުވީ ރާއްޖޭގެ މައި އެއާޕޯޓް ތަރައްގީ ކުރަން ރައީސް ނިންމެވި ނިންމެވުމަކީ ރާއްޖޭގެ މުސްތަގުބަލާއި ތަރައްގީއަށް އެ މަނިކުފާނު އެޅުއްވި ނުހަނު ބޮޑު މުހިންމު ފިޔަވަޅެއް ކަމަށް ވެސް އާދިލް ވިދާޅުވި އެވެ.

އާ ޓާމިނަލްގެ އުސްއަލިތައް:

- 78،000 ސްކޮޔާ މީޓަރު ބޮޑު
- 40 ޑީޕާޖާ ގޭޓް
- 38 އިމިގްރޭޝަން ކައުންޓަރު
- ޒަމާނީ ފެންވަރަށް ހަދައި ހިޔާކޮށްފައިވާ 12 ޖެޓީ
- ހަ އެއިރޯ ބްރިޖް، ހަތަރު ބްރިޖަށް ބޮޑު ކުރެވޭނެ
- ޒަމާނީ ބެގެޖް ސްކްރީނިން އަދި ބެގެޖް ސާވިސް ބެލްޓްތައް
- ހައި އޮކްސްޕްލޯސިވް ޑިޓެކްޝަން ސިސްޓަމް
- ފިއުލް ހައިޑްރެންޓް ސިސްޓަމް

"އަޅުގަނޑުމެން ހުރިހާ ބޯޑު މެންބަރުންނާއި އެއާޕޯޓްގެ މުވައްޒަފުން މިތިބީ މިއީ އުދަނގޫ ކަމެއްގެ ގޮތުގައި ބަލައިގެން މި މަޝްރޫއު ކާމިޔާބު ކުރުމަށް އަތުކުރި އޮޅާލައިގެން. އަޅުގަނޑުމެން ރައީސްގެ އުންމީދާއި އެއްގޮތަށް މި މަޝްރޫއު ކާމިޔާބު މަޝްރޫއަކަށް ހަދައިދޭނަން،" އާދިލް ވިދާޅުވި އެވެ.

ހަފްލާގައި ބިންލާދިން ގްރޫޕްގެ މަންދޫބު، އަބްދުލް އަޒީޒް ބިން ބިންލާދިން ވިދާޅުވީ އެ ކުންފުންޏަކީ މިފަދަ ގިނަ މަޝްރޫއުތަކެއް ކާމިޔާބު ކަމާ އެކު ނިންމާފައިވާ ކުންފުންޏެއް ކަމަށެވެ. އަދި ރާއްޖޭގެ މިހާ އުންމީދީ މަޝްރޫއެއް ލިބުމަކީ އެ ކުންފުންޏަށް ލިބިގެން އައި އުފަލަކާއި ފަހުރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެއާޕޯޓްގެ މަޝްރޫއަކީ ރާއްޖޭގެ އެންމެ އުންމީދީ އެއް މަޝްރޫއު ކަމަށް ބަލައިގަނެގެން ދިވެހިން އެނދޭ ގޮތަށް ކާމިޔާބު ކަމާ އެކު މަޝްރޫއު ނިންމާލުމަކީ އެ ކުންފުނީގެ އަމާޒެއް ކަމަށެވެ.

"މިއީ ރާއްޖެއަށް ކިހާ މުހިންމު މަޝްރޫއެއްކަން އިނގިތިބެގެން އަޅުގަނޑުމެން މި މަޝްރޫއާ މި ހަވާލުވީ. ދިވެހިން ބޭނުންވާ ފަދަ ފެންވަރުގައި މި މަސައްކަތް ކޮށް ނިންމާލުން އަޅުގަނޑުމެންގެ އުންމީދަކީ،" އާދިލް ވިދާޅުވި އެވެ.

އެއާޕޯޓްގެ މި މަޝްރޫއަށް ކޮންސަލްޓެންސީ ދެނީ، ސިންގަޕޫރުގެ ޗާންގީ އެއާޕޯޓް ތަރައްގީ ކުރުމުގައި ކޮންސަލްޓެންސީ ދޭ ސިންގަޕޫރުގެ ކޮންސަލްޓެންސީ ފާމް، ސްރަބާނާ އިންޓަނޭޝަނަލް އެވެ.