ހަބަރު

ތިޖޫރީއެއް ފަޅާލި މައްސަލާގައި ފީއަލީގެ މުދިމެއް ހައްޔަރުކޮށްފި

ފ. ފީއަލީ ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލި މައްސަލާގައި އެ ރަށުގެ މުދިމެއް ހައްޔަރުކޮށްފި އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިރޭ އެވެ. ހައްޔަރުކޮށްފައިވަނީ ފ. ފީއަލީ ޝީރީންވިލާ، މުހައްމަދު ޝާފީ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ކޯޓު އަމުރެއްގެ ދަށުން މިރޭ ފީއަލިން 39 އަހަރުގެ ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ފީއަލީ ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލި މައްސަލާގައި ކަމަށެވެ.

ފީއަލީ ކައުންސިލް އިދާރާގެ ތިޖޫރީ ފަޅާލާފައިވަނީ މިދިޔަ އަހަރުގެ މެއި މަހުގެ ހަތަރުވަނަ ދުވަހު އެވެ. ހަމަ އެ ދުވަހު އެރަށު ކޯޓުގެ ތިޖޫރީ ވެސް ފަޅާލާފައިވެ އެވެ. މި ދެ ތިޖޫރީ ފަޅާލައި ދެ މިލިއަނެއްހާ ރުފިޔާ ވަނީ ވަގަށް ގެންގޮސްފަ އެވެ.