ވިޔަފާރި

އާ ރިސޯޓްތަކާ އެކު ޓޫރިޒަމްގެ އާމްދަނީ 4.9 ބިލިއަން ޑޮލަރަށް އިތުރުވާނެ: ސައީދު

May 21, 2016
3

މި ފަސް އަހަރު ދުވަހުގެ ތެރޭގައި އަލަށް ހުޅުވޭ 50 ރިސޯޓާ އެކު ޓޫރިޒަމުން އަހަރަކު ލިބޭ އާމްދަނީ، 4.9 ބިލިއަން ޑޮލަރު (75.6 ބިލިއަން ރުފިޔާ) އަށް ޖެއްސޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެ އެވެ.

އެއާޕޯޓްގެ އާ ޓާމިނަލްގެ އެއްބަސްވުމުގައި ސޮއި ކުރުމަށް މިރޭ އެއާޕޯޓްގައި ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، މިހާރު ރާއްޖޭގައި 26500 ޓޫރިސްޓް އެނދު ހުރި އިރު، 65 ޕަސެންޓްގެ އޮކިއުޕަންސީ ރޭޓާ އެކު އަހަރަކު 3.2 ބިލިއަން ޑޮލަރު ރާއްޖެއަށް ލިބޭ ކަމަށެވެ.

ނުހެދި ހުރި ރިސޯޓްތަކަށް ސަރުކާރުން ދޭ ސޮވަރިން ގެރެންޓީއާ އެކު އެ ރިސޯޓްތައް ހުޅުވުމާއި އަދި މުޅިން އަލަށް ހުޅުވާ ރިސޯޓްތަކާ އެކު އިތުރު 50 ރިސޯޓް މާކެޓަށް އަންނާެ ކަމަށް ސައީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭގެން އެ އިތުރު ވަނީ އިތުރު 12،500 އެނދެވެ. އެއާ އެކު އޮކިއުޕަންސީ މިހާރު ހުރި ރޭޓުން ބަލާނަމަ ޓޫރިޒަމުން އިތުރު 1.7 ބިލިއަން ޑޮލަރު ލިބޭނެ ކަމަށް ސައީދު ވިދާޅުވި އެވެ. އެހެން ކަމުން ޓޫރިޒަމްގެ އާމްދަނީ 4.9 ބިލިއަން ޑޮލަރަށް އަރާނެ އެވެ.

ސައީދު ވިދާޅުވި ގޮތުގައި ބޮޑެތި މަޝްރޫއުތައް ހިންގުމަށް ނަގާ ބޮޑެތި ލޯނުތައް ދައްކަން މިކަމުގެ ސަބަބުން އިތުރު ފައިސާ ލިބޭނެ އެވެ. އަދި ލޯނުތައް ދައްކާނީ މިގޮތަށް އިގްތިސާދު ފުޅާކޮށްގެން ލިބޭ އާމްދަނީގެ ތެރެއިން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބޮޑެތި ލޯނުތަކެއް ނަގާތީ އިދިކޮޅު ފަރާތްތަކުން ދައްކާ ވާހަކައިގެ އެއްވެސް އަސްލެއް ނެތް ކަމަށް ވިދާޅުވަމުން ސައީދު ވިދާޅުވީ ލޯނުތައް ނަގަނީ މިފަދަ ހިސާބުތައް ޖަހައިގެން ކަމަށެވެ.

"މިއީ ރައީސް އިގްތިސާދު ކުރިއަރުވަން ކުރައްވާ މަސައްކަތުގެ ތެރެއިން އައިސްބާގްގެ ޓިޕްއެއްގެ ވާހަކަ މި ދެންނެވީ. އަދި މިއީ ކޮންވެންޝަނަލް ޓޫރިޒަމް. އެއީ އަދި އެހެން ޓޫރިޒަމްގެ ކަންކަން ނުލައި. އެހެން ވީމާ އަޅުގަނޑުމެން މި ދަންނަވަނީ އަޅުގަނޑުމެންނަށް ފާޑު ކިޔުއްވާ ބޭފުޅުން މި ހިސާބު ކްރަޝް ކުރައްވާށޭ. އަޅުގަނޑުމެން ހިސާބުން ވާހަކަ ދައްކަންވީ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރައީސް ނިންމެވި ހިތްވަރު ގަދަ ނިންމެވުންތަކުން ނޫނީ އެއާޕޯޓްގެ މަސައްކަތް މިއަދު ނުފެށުނީސް ކަމަށެވެ. އެގޮތުން އެއާޕޯޓް ތަރައްގީއަށް ލިބެން އޮތް ފަންޑް ނުލިބި އުންމީދު ގެއްލޭ ހިސާބަށް ކަންކަން ދިޔަ ނަމަވެސް، ރައީސް ވަނީ ހިތްވަރާ އެކު މުހިންމު ނިންމުންތައް ނިންމަވާަފައި ކަމަށް ސައީދު ވިދާޅުވި އެވެ. ރައީސް ޔާމީން ނޫން ބޭފުޅަކު ހުންނެވި ނަމަ މި މަޝްރޫއުތައް ނުފެށުނީސް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"މިތިބަ ޓޫރިޒަމްގެ ބާނީން، ޗެއާމަން އުމަރު މަނިކު އަދި މުޅި ބޯޑްގެ ބޭފުޅުން ވިދާޅުވީ މިއީ ހިތްވަރުގަދަ ރައީސް އެކޭ. އެ ނިިންމުން ނިންމައިގެން ނޫނީ އެއާޕޯޓް ތަރައްގީއެއް ނުވާނޭ،" ސައީދު ވިދާޅުވި އެވެ.

ހުޅުލެ-މާލެ ބްރިޖްގެ މަސައްކަތަކީ ދުނިޔެ ހައިރާންކޮށްލާނެ މަސައްކަތެއްކަން ފާހަގަ ކުރައްވަމުން ސައީދު ވިދާޅުވީ، ބްރިޖް އަޅަން ޖަހާ ތަބުތަކަކީ 60 މީޓަރު ފުނަށް ޑްރިލްކޮށްގެން ހަދާ ތަބުތަކެއް ކަމަށެވެ. މިއީ އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން މުޅި ދުނިޔެވެސް ހައިރާންކޮށްލާނެ މަސައްކަތެއް ކަމަށް ވެސް ސައީދު ވިދާޅުވި އެވެ. ސައީދު ވަނީ ރައީސް ޔާމީންގެ ކެރުންތެރިކަމަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ.