އިނގިރޭސި އެންމެ ކާމިޔާބު ކުލަބު މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗަކަށް ޗެލްސީގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ހަމަޖައްސަން ނިންމައިފި އެވެ.
ޔުނައިޓެޑުގެ ކޯޗު ބަދަލުމިކުރަން ނިންމީ މީގެ ދެ އަހަރު ކުރިން އެ ޓީމުގެ ކޯޗު ކަމާ ހަވާލުވި ލުއިސް ވެންހާލްގެ އިނގިރޭސި އެފްއޭކަޕް އެ ޓީމަށް ކާމިޔާބުކޮށްދިންތާ ކުޑަަހިނދުކޮޅެއްގެ ތެރޭގަ އެވެ. ވެންހާލް މަގާމުން ވަކިކުރަން ނިންމިއިރު އޭނާގެ ކޮންޓްރެކްޓްގައި ބާކީ އެއް އަހަރު އެބައޮތެވެ. އަދި އޭނާ މަގާމުން ވަކިކޮށް މޮރީނިއޯ އަށް ކޯޗުކަން ދިންކަން އިއުލާނުކުރަން ތައްޔާރުވީ ތަށި ދިނުމުގެ ރަސްމިއްޔާތަށް ފަހު ބާއްވާ ޕްރެސްކޮންފަރެންސަށް ވެސް ދިއުމުގެ ކުރީންނެވެ. ވެންހާލް މަގާމުން ވަކިކޮށް މޮރީނިއޯ އަށް ކޯޗުކަންދޭން އުޅޭ ވާހަކަ މިދިޔަ އަހަރު ޗެލްސީގެ ކޯޗުކަމުން މޮރީނިއޯ ވަކިކުރުމާއެކު ދެކެވެން ފެށި އެވެ.
ޗެލްސީ އަށް ތިން ފަހަރު އިނގިރޭސި ލީގު ކާމިޔާބުކޮށްދީ އެކުލަބުގެ އެންމެ ކާމިޔާބު ކޯޗަށް ޔުނައިޓެޑް ހަވާލުކުރާނެ ކަން ޔަގީންކަމާއެކު އިނގިރޭސި މީޑިޔާތަކުން ބުނަން ފެށީ ކްރިސްޓަލް ޕެލަސް ބަލިކޮށް އިނގިރޭސި އެފްއޭކަޕް ޔުނައިޓެޑް މިރޭ ކާމިޔާބުކުރިތާ އިރުކޮޅެއް ފަހުންނެވެ.
މޮރީނިއޯ ޔުނައިޓެޑާ ހަވާލުވާނީ ތިން އަހަރަށެވެ. އެއީ 34.85 މިލިއަން ޕައުންޑްގެ އަގުހުރި ކޮންޓްރެކްޓެކެވެ.
ކާމިޔާބު 27 އަހަރަށް ފަހު ޔުނައިޓެޑުގެ ކޯޗުކަން ސާ އެލެކްސް ފާގަސަން ދޫކޮށްލުމަށްފަހު އެކުލަބުގެ ކޯޗުކަން މޮރީނިއޯ އަށް ދޭން އުޅުނެވެ. ނަމަވެސް ފާގަސަންގެ އެއިރުދިން ހުށަހެޅުން މޮރީނިއޯ ދޫކޮށްލީ އެނބުރި ޗެެލްސީއަށް ދާން ބޭނުންވެފައި ހުރުމުންނެވެ.
ނަމަވެސް ރެއާލްް މެޑްރިޑް ދޫކޮށް އެނބުރި ޗެލްސީއާ ހަވާލުވެ ފުރަތަަމަ އަހަރު ލީގު ކާމިޔާބު ކުރި ނަމަވެސް މިދިޔަ ސީޒަނުގެ ކުރީކޮޅުން ފެށިގެން އޭނާއަށް މައްސަަލަތައް ކުރިމަތިވާން ފެށިއެވެ. ބައެއް ސްޓާފުންނާއި ކުޅުންތެރިންނާ ވެސް އޮތް ގުޅުން ގޯސްވި އެވެ. އެންމެ ފަހުން ނަތީޖާތައް މާބޮޑަށް ގޯސްވުމުން ޗެލްސީން މޮރީނިއޯ މަގާމުން ވަކިކުރީ އެވެ.
އޭގެ ފަހުން އޭނާ ބަލަބަލައިހުރީ ވެސް ޔުނައިޓެޑުގެ ކޯޗުކަމަށެވެ. ނަމަވެސް އެކަމާ ބެހޭގޮތުން ކުރި އެއްވެސް ސުވާލަކަށް ރަސްމީ ޖަވާބެއް އޭނާ ދީފައެއްނުވެ އެވެ. ސަބަބަކީ ވެންހާލް އާއި މޮރީނިއޯއާ ދެމެދު ގާތްގުޅުމެއް އޮތުމެވެ. މޮރީނިއޯ ކޯޗިން އަށް ނުކުތުމުގެ ކުރިން އޭނާ އަކީ ސްޕޭނުގެ ބާސެލޯނާގައި ވެންހާލްގެ ތަރުޖަމާނެވެ.
ޕޯޓޯ އާއި އިންޓަމިލާނަށް ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްދީފައިވާ މޮރީނިއޯ އަންނަ ސީޒަނަށް ޔުނައިޓެޑް ވަރަށް ބޮޑަށް ބަދަލުކުރާނެ އެވެ. ރިޕޯޓްތައް ބުނާގޮތުން ކުޅުންތެރިން ގަތުމަށް ޔުނައިޓެޑުން މޮރީނިއޯ އަށް 100 މިލިއަން ޕައުންޑްގެ ބަޖެޓެއްވެސް ދިނުން ގާތެވެ.