ހަބަރު

އައިޑޮލްގެ ބައިވެރިންނާއެކު ސެންޓްރަލް ޕާކްގެ "ލެޝާ ޒޯން" މިރޭ ހުޅުވަނީ

ތަފާތު ހަތަރު ސެގްމެންޓަކަށް ބަހާލައިގެން އެޗްޑީސީން ހުޅުމާލޭގައި ތަރައްގީކުރަން ފަށާފައިވާ ސެންޓްރަލް ޕާކުގެ "ލެޝާ ޒޯން" މިރޭ ހުޅުވަން ނިންމައިފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަޕޭޝަން (އެޗްޑީސީ)އިން ބުނީ، "ލެޝާ ޒޯން" މިރޭ ހުޅުވާއިރު، މޯލްޑިވިއަން އައިޑޮލްގެ ފަސް ބައިވެރިއެއްގެ ހުށަހެޅުން ފެނިގެންދާނެ ކަމަށެވެ. އޭގެ ތެރޭގައި މުބާރާތުގެ އެއްވަނަ ލައިޝާ، ދެވަނަ ޝަލަބީ އަދި ތިންވަނަ އިޝާން ވެސް ހިމެނެ އެވެ. މިރޭ އަށެއް ޖަހާއިރު ޕާކް ހުޅުވުމަށް ބާއްވާ ޝޯގައި ޕާމް ޓޯންސް ވެސް ޕާފޯމްކުރާނެ އެވެ. މި ޝޯ ބާލާލުމުގެ ފުރުސަތު އާންމުކޮށް ވަނީ ހުޅުވާލާފަ އެވެ.

"ލެޝާ ޒޯން" އަކީ ހިތްގައިމު ބޮޑު ފެންގަނޑަކާއެކު ސެންޓްރަލް ޕާކުގައި އާއިލާތަކަށް ހާއްސަކޮށްގެން ހަދާފައިވާ ސެގްމަންޓެކެވެ. ފެންގަނޑުގެ އިތުރަށް ވިނަ ހައްދާފައިވާ ކުޑަ ހިލްއެއް ވެސް މި ޒޯންގައި ތައްޔާރުކޮށްފައިވެ އެވެ.

ސެންޓްރަލް ޕާކުގެ ހަތަރު ސެގްމަންޓްގެ ތެރެއިން އެއް ސެގްމަންޓް މިހާރު ނިންމައި، އަނެއް ސެގްމަންޓްގައި އިސްލާމިކް ސެންޓާއަކާއި ބޮޑު ފައްވާރެއް ގާއިމްކުރަން ނިންމާފައިވާއިރު، ތިންވަނަ ސެގްމަންޓްގައި ގާއިމްކުރަން ނިންމާފައިވަނީ ލެޑް ލައިޓް ގާޑެން ޒޯންއެއް ކަމަށް އެޗްޑީސީން ވަނީ ބުނެފަ އެވެ.

ސެންޓްރަލް ޕާކް ތަރައްގީ ކުރަނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބިމުން މައިމަގަށްވާ ގޮތަށް ގާތްގަނޑަކަށް އަށް ހެކްޓަރުގެ ބިމެއްގަ އެވެ. ސެންޓްރަލް ޕާކްގެ ނަމުގައި ބޮޑު ޕާކެއް ހަދަން ނިންމައި އެ މަސައްކަތް އެޗްޑީސީގެ އެތެރޭގެ މަސައްކަތެއްގެ ގޮތުގައި ފެށީ މިދިޔަ 2014ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.

ޕާކްގައި އަޅާ އިމާރާތްތަކަށް ހޭދަވާ ހަރަދު ނުލައި ޕާކް ޒީނަތްތެރިކުރަން އެކަނި ވެސް 15 މިލިއަން ރުފިޔާ ސަރުކާރުން ހަރަދު ކުރެ އެވެ.